ރާއްޖެއަށް މިިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު އިތުރުވެއްޖެ އެެވެ.
މޯލްޑިވްސް ކަސްޓަމަސް ސާވިސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ރާއްޖެއިން 219 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އަށް ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ޖުލައި މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 203 މިލިއަން ރުފިޔާގެ މުދަލެވެެ.
މިދިޔަ ޖުލައި މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ މުދަލުގެ 37 ޕަސެންޓެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނު ވިލާތަށެވެ. އެއީ 16 ޕަސެންޓެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އިމްޕޯޓް ކުރި މުދަލުގެ އަގުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މިއީ މިދިޔަ އަަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 48 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ޖުލައި މަހު އެތެރެކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ ޖުލައި މަހު 242 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިދިޔަ އަހަރުގެ ޖުލައި މަހު 293 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ. މިއީ 17 ޕަސެންޓް ދަށްވުމެކެވެ.