ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ އޮފިސަރުން "ވަކިކުރި" މައްސަލަ ކޮމިޓީން ބަލަން ފަށައިފި

ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި ކަމަށް ބުނާ މައްސަލާގައި ޕޮލިސް ބޯޑު ޖަވާބުދާރީ ކުރުވަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރި ކަމަށް ބުނާ މައްސަލަ 241 ކޮމިޓީއަށް ދެ މެންބަރަކު ހުށަހަޅުއްވާފައިވެ އެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މުއައްސިސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ދެ މެންބަރުން ފޮނުއްވި ސިޓީގައި ވެސް އެދިވަޑައިގެންފައި އޮތީ މައިގަނޑު އެއް ކަމެކެވެ. އެއީ އެކަން ހިނގައިދިޔައީ ގާނޫނާ އެއްގޮތަށް އިންސާފުގެ ތެރެއިން ކަން ކޮމިޓީން ކަށަވަރު ކުރުމެވެ.

މިކަމާ ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރުން ފޮނުއްވި ސިޓީތަކުގައި ވެސް ފުލުހުންގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް ލަފާ ދިނުމަކީ ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ކަން ފާހަގަކުރައްވާފައި އޮތް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނާ އެއް ގޮތަށް ޕޮލިސް ބޯޑުން ކުރި ކަމެއް ކަން ފެންނަން އޮތް ކަމަށް ވިދާޅުވެ އާޒިމް ހުށަހެޅުއްވީ ޕޮލިސް ބޯޑުގެ ނިންމުމަކީ ގާނޫނާ އެއް ގޮތަށް ނިންމި ނިންމުމެއް ކަމަށް މަޖިލީހުގެ ކޮމިޓީން ކަނޑައެޅުމަށެވެ.

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ދެ މެންބަރަކު މައްސަލައެއް ހުށަހެޅުއްވުމުން، އުސޫލެއްގެ ގޮތުން އެ ކަން ހިނގައިދިޔަ ގޮތް ކޮމިޓީން ބަލަންވާނެ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ލިޔުމަކުން ފުލުހުންގެ މުއައްސަސާއިން ނުވަތަ ޕޮލިސް ބޯޑުން ހޯދުމަށް އީވާ ހުށަހެޅުއްވި އެވެ. އަދި އެއަށް ފަހު، ފޮނުވާ ލިޔުންތައް ދިރާސާ ކުރުމަށް ފަހު މައްސަލަ ކުރިއަަށްދާނެ ގޮތެއް ކޮމިޓީން ކަނޑައެޅުމަށްވެސް އީވާ އެދިވަޑައިގެންނެވި އެވެ.

އީވާގެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރެއްވުމުން ޕޮލިސް ބޯޑުގެ ނިންމުން ސާފުކޮށްދިނުމަށާއި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ލިޔުމުން ހޯއްދަވާނެ ކަމަށް ކޮމިޓީގެ މުގައްރިރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މީގެ ފަސް މަސް ކުރިން ތަންފީޒުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް ދީފައިވާ ބާރުގެ ދަށުން އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓް ކުރަމުންދާއިރު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އިސް ބޭފުޅުންނާ ގާތް ގުޅުންތަކެއް އޮތް ބޭފުޅުންނެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ އަހްމަދު ފަޔާޒް ހަސަނާއި، އާއިޝަތު ނޫރާ މުހައްމަދާއި، އަލީ ފާއިޒާއި، އަހްމަދު ނާޝިދާއި، އާދަމް އިބްރާހީމާއި، ހާމިދު އަބްދުލްއަފޫރާއި، ސަފާ ޝަރީފް އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުންތައް ތަންފީޒު ކުރައްވާނީ ކޮމިޝަނާ އޮފް ޕޮލިސް އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ސީޕީ މުހައްމަދު ހަމީދެވެ. އެއީ ރައީސް ސޯލިހްގެ ޅިޔަނެކެވެ.

ޕޮލިސް ބޯޑުގެ ނިންމުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ނިންމުން މުރާޖައާ ކުރަން ގޮވާލައި ޕީޕީއެމްއާއި ޕީއެންސީން ބަޔާނެއް ނެރެ، އެ އަމަލަކީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ބަދަލު ހިފަން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ.