މުޅި ފުލުހުންގެ މުއައްސަސާގެ އަގު ގެއްލިގެންދާ ފަދަ އާދައިގެ ޔުނީފޯމެއް ދޭން ބިލުގައި ކަނޑައަޅާފައި ނޯންނާނެ ކަމަށާއި އެފަދަ ގޮތަކަށް ބިލު ބަދަލު ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ފުލުހުންގެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމިޓީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގީ މިންގަނޑެއް ނެތް ބައެއް ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ފުލުހުންނަށް މިހާރު ދެމުންދާ ޔުނީފޯމުގެ ބަދަލުގައި އާދައިގެ ޔުނީފޯމެއް ދިނުމަށް ވެސް ބައެއް މެންބަރުން ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އަމާޒު ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޓީގެ ގިނަ މެންބަރުން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އާދައިގެ ޔުނީފޯމެއް ކަނޑައަޅާ ގޮތަށް ބިލު ފަރުމާ ނުކުރައްވާނެ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަސްލަމް ވެސް ވިދާޅުވީ ބިލުގައިވާ ގޮތުން ޔުނީފޯމު ކަނޑައަޅަނީ ކޮމިޝަނާ އޮފް ޕޮލިސް ކަމަށާއި އެއަށް ބަދަލު ކުރުމުގެ ވިސްނުމެއް ކޮމިޓީގެ މެންބަރުންގެ މެދުގައި ނެތް ކަމަށެވެ. އަދި ފުލުހުންގެ ޔުނީފޯމު އޮންނާނީ ޝަރަފުވެރިކަން ދައްކުވައިދޭނެ ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ފުލުހުންގެ ޔުނީފޯމަކީ މުޅި ދައުލަތުގެ ޝަރަފު ދައްކުވައިދޭ ޔުނީފޯމެއް. ފުލުހުންގެ ޔުނިފޯމު އަބަދުވެސް އޮންނާނީ އެ ޝަރަފު ދައްކުވައިދޭނެ ގޮތަށް. އެ ޝަރަފުވެރިކަން ގެއްލިގެން ދާނެ ގޮތަކަށް ޔުނީފޯމު އޮވެގެން ނުވާނެ." އަސްލަމް ވިދާޅުވި އެވެ.
މަޖިލީހަށް ބިލު ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވިދާޅުވީ، މަޖިލީހުގެ ބައެއް މެންބަރުން އާދައިގެ ޔުނީފޯމެއް ފުލުހުންނަށް ކަނޑައަޅަން ވާހަކަ ދައްކަވާފައި އޮތް ނަމަވެސް އެ ގޮތެއް ކަނޑައަޅަން އޭނާ ތާއީދު ނުކުރައްވާ ކަމަށާއި ގާނޫނަކުން އަމުދުން ކަނޑައަޅައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއްނުކުރަން ބައެއް ބޭފުޅުން އެ ވިދާޅުވާ ގޮތަށް ފުލުހުންގެ ޔުނީފޯމު ހުރެގެން ވާނެ ކަމަކަށް. ބިލުގެ މަގްސަދަކީ ވެސް އެއީ. ޒަމާނީ މުޖުތަމައެއްގެ ފުލުހުންގެ މުއައްސަސާ އޮންނާނެ ގޮތަށް ފުލުހުންގެ މުއައްސަސާ ބިނާކުރުން،" ހަސަން ލަތީފު ވިދާޅުވި އެވެ.
ކޮމިޓީގައި އިންނަވާ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދިމާވެފައިވާ ކަންކަމުގެ ވާހަކައާއި ރައްޔިތުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކުގެ އަލީގައި ވާހަކަ ދައްކަވާނެ ކަމަށެވެ. އެއީ މުޅި މަޖިލީހުގެ ނިންމުމެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން އަންނަ އެކިއެކި ވާހަކަތައް މެންބަރުން އިއްވާނެ. ނެގެޓިވް ކަންކަން ވެސް އަންނާނެ. ޕޮޒިޓިވް ކަންކަން ވެސް އަންނާނެ. އެއީ ބިލެއް ފުރިހަމަ ކުރުމަށް އޮންނަ އެއް މަރުހަލާ. އަދި ކޮމިޓީއަށް އައިސް ފަންނީ މީހުންގެ ލަފާ ހޯދައިގެން ބިލު ފުރިހަމަ ކުރާނެ. ރައްޔިތުންގެ ހިޔާލާއެކު ބިލު ނިންމާނީ،" ނިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މެންބަރުންނަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެގެން ދިޔަ އެވެ. ފުލުހުންގެ ބިލުގައި ވެސް މަޖިލީހުގެ 241 ކޮމިޓީއަށް ބާރުތަކެއް ދޭތީ ބިލަށް ވެސް ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ.
ބައެއް މެންބަރުންގެ ވާހަކަތަކާ ގުޅިގެން ކޮމިޝަނާ އޮފް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަން ޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒިފާގެ މައިދާނާއި ތަމްރީންތަކުގައި ދަސްވާ ކަންކަން ކަމަށެވެ. އެހެންވިޔަސް ގިނަ ފުލުހުންނަކީ މަތީ ސާނަވީގެ ސަނަދު އޮތް ފުލުހުން ކަމަށް ވިދާޅުވެ އެ ވާހަކަތަކަށް ހަމީދު ރައްދު ދެއްވި އެވެ.
އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވަނީ ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ދައްކާފައިވާ ވާހަކަތަކަކީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ކުރަން ޖެހޭ ކަންކަން ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.