ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގައި ލާދިނީ އެއްވެސް ކަމެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިހާރު ފުލުހުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ހުވައާއި ސަރުކާރުން ފޮނުވި ބިލުގައިވާ ފުލުހުންގެ ހުވައާ ތަފާތުތަކެއް އުޅޭތީ ބައެއް ދީނީ އިލްމުވެރިންނާއި ސަލަފް ޖަމިއްޔާ ފަދަ ދީނީ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ އެ ބިލުގައި ބަޔާން ކުރާ ހުވާގައި އިސްލާމް ދީނުގެ ވާހަކައިގެ ކުރިއަށް އިންސާނިއްޔަތުގެ ބައި އޮންނާތީ ކަމަށް ބުނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ގާނޫނީ ނެގެހެއްޓުމަށާއި ތަންފީޒު ކުރުމަށާއި މަދަނީ ހައްގުތައް ހިމާޔަތްކޮށް އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި މުޅި ޖިނާއީ އިޖުރާއަތުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެކަމަކު ފުލުހުންގެ އަނިޔާގެ ޝިކާރައަކަށް އާންމު އެތައް ރައްޔިތަކު ވެފައިވާތީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެ އިސްލާހުތައް ގެނައުމަށް ސަރުކާރުން ފޮނުވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލު ވަރަށް ފުރިހަމަ ކަމަށެވެ. ދީނީ ބައެއް އިލްމުވެރިން ދައްކަވާ ވަހާކަތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ، ފުލުހުންގެ ހުވައަށް ވެސް ބިލުން އިތުރު ފުރިހަމަ ކަމެއް އައިސްފައިވާ ކަމަށެވެ.
"ބިލުގައިވާ ފުލުހުންގެ ހުވާގައި ލާދީނީއޭ މި ކިޔަމުންދާ ކަންތައް، ސަލަފް ޖަމާއަތުންނާއި ދީނީ އިލްމުވެރިންގެ ތޮފި އަޅައިގެން އުޅޭ މީހުން ދައްކާ މި ވާހަކަތައް ފާހަގައެއް ނުކުރެވޭ. ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް ދައްކާ ވާހަކައެއްނަމަ އެ ވާހަކަތައް ކުށްވެރި ވެސް ކުރަން،" އަސްލަމް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގައި އަސްލަމަށް ފާހަގަ ކުރެވެނީ އެންމެ މައްސަލައެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެ ބިލުގައި މަޖިލީހުގެ 241 ކޮމިޓީގެ މަސްއޫލިއްޔަތު ބަޔާން ކޮށްފައިވާތީ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ކަނޑައަޅަންވާނީ މަޖިލީހުގެ ގަވާއިދުންކަން ގާނޫނު އަސާސީގައި ފާހަގަކުރެވޭތީ އެވެ.