ފޭކް ބުކިން ހަދައިދީގެން ޓޫރިސްޓުން ރާއްޖެ އެތެރެކުރުމަށްފަހު ބައެއް ދިވެހިން އެމީހުންގެ އަމިއްލަ ގޭގައި ޓޫރިސްޓުން ބައިތިއްބާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އޮމަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން އެހެން ގައުމުތަކަށް ދިއުމުގެ ކުރިން މަޑުކޮށްލާ ނުވަތަ ޓްރާންސިޓް ކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރަމުންދާ ކަަމަށެވެ. އެކަން އެހެން ކުރަނީ ގެސްޓްހައުސްތަކުގައި އެމީހުން ކަރަންޓީނުވުމަށްފަހު އެހެން ގައުމުތަކަށް ދާން ފަސޭހަވުމުން ކަމަށް ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކަށް އެކަން ކޮށްގެން ބޮޑު އާމްދަނީއެއް ލިބޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އާމްދަނީ ހޯދަން ވާނީ އެކުލަވާލައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ފޭކް ބުކިން ހަދައިގެން ޓޫރިސްޓުން ގެނެސް އަމިއްލަ ގޭގޭގައި ބައިތިއްބައިގެން ހިދުމަތް ނުދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގެސްޓްހައުސް ހިންގާ މީހުންނާއި ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ޓޫރިސްޓުން ގެންނަނީ އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިންތޯ ބެލުމަށް އެތަންތަން މިހާރު އިންސްޕެކްޓް ކުރަން ފަށާފައިވާ ކަމަށެވެ. ޓޫރިސްޓުން ގެންނަނީ ރަނގަޅަށް ބުކިން ހައްދައިގެންތޯ އާއި ކަމާގުޅުންހުރި ފަރާތަކުން ހަދާފައިވާ އެންމެހާ އުސޫލުތަކަށް އަމަލުކުރެތޯ ބަލާނެ ކަމަށެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެންނެވެ.
"އެމީހުން ސަރުކާރުން ނިންމާފައިވާ އެންމެހާ އުސޫލުތަކަށް ތަބާވޭތޯ ބަލާނަން. ޓޫރިސްޓުން ގެނެސްފައިވަނީ ރަނގަޅު ބުކިން ހައްދައިގެންތޯ ވެސް ބަލާނަން. ބައެއް މީހުން ބުކިން ހައްދައިގެން ގެނެސް އަމިއްލަ ގޭގައިވެސް އެބަ ބައިތިއްބާ. ހެދިފައިވާ އެންމެހާ އުސޫލުތަކާއި ގަވާއިދުތަކަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅާނަން. އުސޫލުތަކަށް ތަބާނުވާނަމަ އަޅުގަނޑުމެން ކުރިން އޮތް ހާލަތަށް [ކޮވިޑްގައި ކުރިން އޮތް ހާލަތަށް] ދާން ޖެހިދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އާއި އެކު އިގްތިސޯދީ ގޮތުން ގެއްލުންތަކެއްވީ ނަމަވެސް އަނެއްކާވެސް ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫޒްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިން ޑޯޒް ފުރިހަމަކޮށް ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ މީހުންނަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60 ޕަސަންޓް މީހުން ވެކްސިން ޖަހާފައިވާނަމަ އެވެ.