ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދައުވަތު؛ ސަނީ ސައިޑަށް އިރު އަރައިފި، ވަޑައިގަންނަވާ

ރާއްޖޭ އޮތީ ދުނިޔެއަށް މަރުހަބާ ކިޔުމަށް ޒިނާތްވެ ތައްޔާރަށް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވަނީ ރާއްޖެ އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ހުޅުވާލެވިފައިވާ ދައުވަތު ދެއްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އިން ބުނެދިން ހަގީގަތަކީ އެއްވެސް ގައުމަަކަށް ވަކިވެ އެކަހެރިވެގެން ހޯދޭނެ މޮޅު ނަތީޖާއެއް ނެތް ކަމާއި އަމާން ރައްކާތެރި ދިރިއުޅުމަކަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވާން ޖެހޭ ކަމެވެ. ކޮވިޑްގެ ބަލިމަޑުކަމަކީ ދިވެހިންވެސް ތަޖުރިބާ ކުރި އެންމެ ބޮޑު ގޮންޖެހުން ކަމަށާ ދިވެހިންގެ އިގްތިސާދު ބަރޯސާވެފައި އޮތް ފަތުރުވެރި މުޅީން ހުއްޓި ބޭރު ފައިސާ ލިބުން ދަތިވެ ވިޔަފާރިތައް ހުއްޓި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ފޫނުބެދޭވަރުގެ ގެއްލުންތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެނެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެ ވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަން ޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި،"

ރައީސް ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އުމުރުގެ 95 އިންސައްތަ މީހުން ކިޔަވާ ކުދީން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އުޅޭ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސްގެ ތަގުރީރުގައި ވެކްސިނުން ސަލާމަތްވާން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ކަމަށް ވިދާޅުވެ ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދިނުމުގެ މުހިންމު ކަމާމެދު ވާހަކަ ދައްކަވާފައެވެ.

އަޅުގަނޑު މިއަދު މިތާހުރެ މި ވާހަކަ ދައްކާއިރު ވެކްސިން ޖެހޭ އުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެއްޖެ. އަދި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފި. ސުކޫލުތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަރާއެކު ރިޒޯޓްތައް ހުޅުވިއްޖެ. ރާއްޖެ އޮތީ ދުނިޔެއަށް މަރުހަބާ ކިޔުމަށް ޒީނަތްވެ ތައްޔާރަށް. ސަނީ ސައިޑަށް އިރު އަރައިފި، ވަޑައިގަންނަވާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އާންމު މަޖިލީސް 2021

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުލެއް ލިބުނު އެއް ބަޔަކީ ދިވެހިންނެވެ. މުޅި އިގްތިސޯދު ޓޫރިޒަމަށް ދޫކޮށްގެން ތިއްބައި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމާ ގުޅިގެން ރާއްޖެއަށް ފޫބައްދަށް ދަތި ގެއްލުމާވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ހުޅުވުމާއެކު މި ގެއްލުމުން އަރައި ގަންނަމުންދާކަމުގެ ކޮޅުމަތި ފެންނަން ފެށި އެވެ.