ޓޫރިޒަމް

ރާއްޖެ ހުޅުވާލުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ދެވަނަ ބައްދަލުވުމުގައެވެ.

"ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިން“ އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލްވުމުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ވަނީ ހޯއްދަވާފައެވެ.

މި ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ވަނީ ފަތުރުވެރިން ރާއްޖެ އަންނައިރު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައި ހުރި ކަންކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ހިޔާލުތަކާެއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ސަރުކާރުން ދަނީ ޖުލައި މަހުގެ ތެރޭގައި އަލުން ބޯޑަރު ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.