ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން ވަނީ އިއްޔެ ވަރަށް ހިތާމަވެރި ހަބަރެއް ހިއްސާކޮށްފަ އެވެ.
ހެޕަޓައިޓިސްއަށް އަހުލުވެރިކުރުވުމަށް މީޑިއާ ކެމްޕޭނެއް ލޯންޗްކުރުމުގެ ހަފްލާގައި އަމީތާބް ވަނީ، ހެޕަޓައިޓިސް އަށް ޕޮޒިޓިވްވެ، އޭނާގެ ފުރަމޭ ގައި މިހާރު ބާކީ އޮތީ އެންމެ 25 ޕަސެންޓް ކަމަށް ބުނެފަ އެވެ.
މިއިވެންޓްގައި ވާހަކަދައްކަމުން އަމީތާބް ބުނީ، އޭނާއަށް ހެޕަޓައިޓިސް ބީ ޖެހުމުގެ ސަބަބުން ފުރަމޭގެ 75 ޕަސެންޓް ނެތިގެން ގޮސްފައިވާކަމަށާއި މިހާރު އޭނާގެ ފުރަމޭގައި ބާކީ އޮތީ 25 ޕަސެންޓް ކަމަށް ބުނެފަ އެވެ.
ނުރައްކާތެރި ބައްޔެއް ކަމަށްވާ ހެޕަޓައިޓިސް ބީ ޖެހުނު ގޮތް ކިޔައިދެމުން އަމީތާބް ބުނީ އެ ބަލި އޭނާއަށް ޖެހުނީ "ކޫލީ"ގެ މަންޒަރުތައް ނަގަނިކޮށް ހިނގި އެކްސިޑެންޓެއްގައި އަނިޔާވުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް 200 އަށް ވުރެން ގިނަ ޑޯނަރުންގެ ގައިން 60 ފުޅީގެ ލޭ އޭނާގެ ގަޔަށް އެޅުމުގެ ތެރޭގައި، ހެޕަޓައިޓިސް ބީ އަށް ޕޮޒެޓިވް ވެފައި ހުރި މީހެއްގެ ގައިން ލޭ އެޅިގެން ކަމަށެވެ.
"ކޫލީ"ގެ ޝޫޓިންގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާ ހިނގައިދިޔަތާ މިހާރު 32 އަހަރުވެފއިވާއިރު އަމީތާބްގެ ފުރަމޭގެ 75 އިންސައްތަ ނެތިގެން ގޮސްފައިވާކަން އިނގުނީ އެހާދިސާ ހިނގިތާ 18 އަހަރުފަހުން 2000 ވަނަ އަހަރުގެ ތެރޭގަ އެވެ.
ފުރަމޭގެ ބޮޑު ބައެއް ނެތިގެން ގޮސްފައިވާ ކަން އެނގުމުގެ ކުރިން މާބޮޑެތި އުނދަގޫތަކެއް ނުވެ ދިރިއުޅެމުން އައީ ވަރަށް ނޯމަލް ލައިފްއެއް ކަމަށް ބުނަމުން އަމީތާބް ވަނީ އެކަން އެނގުނީ އާންމުގޮތެއްގައި އޭނާ ހަދަމުން އަންނަ މެޑިކަލް ޗެކަޕެއް ހެދުމުގެ ތެރޭގައި ކަމަށެވެ.
"ޗެކަޕަށް ފަހު އަހަންނަށް އެނގުނީ ފުރަމޭ އިންފެކްޓްވެ، 75 ޕަސެންޓް ނެތްކަން" ހެޕްޓައިޓިސް އަށް ޕޮޒިޓިވްވި ގޮތް ކިޔާދެމުން އަމީތާބް ބުނެފައިވެ އެވެ.
ފުރަމޭގެ ބޮޑު ބައެއް ނެތް ކަމުގައި ވިޔަސް ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ވެސް ބުންޏެވެ.
"12 ޕަސެންޓް އޮވެގެން ވެސް ދުނިޔޭގައި ހުންނާނެ. އެކަމަކު އެ ދަރަޖައަށް ދާން އެއްވެސް މީހަކު ބޭނުމެއް ނުވާނެ" އަމީތާބް ބުނެފައިވެ އެވެ.
މިއިވެންޓްގައި ވާަހަކަދައްކަމުން އަމީތާބް ވަނީ ހެޕަޓައިޓްސް ބީ އާއި ޓީބީ ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުންނާއި އިންޑިއާގެ ސިއްހީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ.
"އަހަންނަށް ހެޕަޓައިޓްސް ޖެހިފައިވާކަން އެނގުމުން ވެސް ބޭރު ގައުމަކަށް ގޮސް ފަރުވާ ހޯދުމުގެ ބަދަލުގައި ބޭނުންވީ އިންޑިއާގެ ޑޮކްޓަރުން ކައިރިން ފަރުވާ ހޯދަން. އެއީ އަހަންނަށް އެމީހުންނަށް އިތުބާރު އޮތް. ނަމަވެސް ބޭރުގެ ޑޮކްޓަރުންގެ ލަފަޔަކަށް ފަހުން އެހުމުން ނަތީޖާ ހަމައެގޮތަށް އައުމުން އެނގިއްޖެ ބޭރުގެ އެހެން ގައުމުތަކަށް އިންޑިއާ ވަކީ ދޫނުކުރާކަން" އަމީތާބް ބުނެފައިވެ އެވެ.
މީގެއިތުރުން ވެސް އަމީތާބް ވަނީ އިންޑިއާގެ ރަށްފުށު ސަރަހައްދުތަކަށް ގޮސް، މިބައްޔަށް މީހުންނަށް ވެކްސިންދީ އަހުލުވެރިކުރުމަށް މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.