ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ، ބޮޑު ތުހުމަތުތަކެއް ފެންމަތި ކުރައްވައިފި އެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ސޯލިހް ގެންދަވަނީ ތ އަތޮޅުގެ ހަތް ރަށަކަށް ދަތުރުކުރައްވަމުންނެވެ.
އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހް މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާ ކަނިމީދޫ ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެކަން ކުރައްވަނީ ރައީސް ސޯލިހަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ގޮތަށް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހް މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާ ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާ ގޮތަށް ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެކެވެއަބްދުއްރަހީމް އަބްދުﷲ | އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދަތުރުކުރައްވާ ކޮޅުމަޑުލުގެ ހަތް ރަށަކީ ތިމަރަފުށްޓާއި ކިނބިދޫ އާއި އޮމަދޫ އާއި ވޭމަންޑޫ އާއި ވަންދޫ އާއި ކަނޑޫދޫ އާއި ގާދިއްފުށްޓެވެ. ރައީސް އޮފީހުން ބުނީ މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.