އެޓާނީ ޖެނެރަލް

ހެއްކާބެހޭ ބިލް ރައީސް އޮފީހަށް ފޮނުވައިފި

މިހާރު އަމަލު ކުރަމުންދާ ގެންދާ ހެއްކާ ބެހޭ ގާނޫނޫގެ ބަދަލުގައި އައު ބިލެއް އެކުލަވާލާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގެންދާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާ ބެހޭ ގާނޫނޫގެ ބަދަލުގައި ގާނޫނުގެ ރައްކާތެރިކަން ޔަގީންކޮށް ދިނުމަށްޓަކައި ޒަމާނާ އެކަށީގެންވާ އުސޫލުތައް އެކުލެވޭ ހެއްކޭބެހޭ ބިލް ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ ކަަމަށެވެ.

މިއަަދު ފޮނުވި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވޭ ގޮތާއި ކަމެއް ސާބިތު ކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި ހެކި ހުށައެޅުމާއި ބަލައިގަތުމާއި އަދި ވަޒަން ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ ނޫންވެސް ހެއްކާއިބެހޭ އާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވެއެވެ.

ބިލްގައިވާ ގޮތުން ރާއްޖޭގެ އެންމެހާ ކޯޓްތަކުގައި ހިންގާ މަދަނީ އަދި ޖިނާއީ މައްސަލަތަކާއި ރާއްޖޭގެ އެންމެހާ ޓްރައިބިއުނަލްތަކުގައި ހިންގާ މައްސަލަތަކާއި ކަމާގުޅޭ ނިސްބަތައް ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންދާ ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކާއި ކަމާގުޅޭ ނިސްބަތައް ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށް މި ގާނޫނު ހިނގާނެ އެވެ.