ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި އެވެ. ސަރުކާރުން މި ޔަގީންކަން ދީފައިވަނީ ހެއްކާބެހޭ ގާނޫނާ ގުޅޭގޮތުން މިރޭ ނެެރުނު ނޫސްބަޔާނެއްގަ އެވެ. ސަރުކާރުގެ މި ބަޔާން މި އައީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލުގައި ހިމަނާފައި އޮތުމުން އެކަމާއި ނޫސްވެރީންނާއި އިދިކޮޅު ޕާޓީތަކުގެ ފާޑުކިޔުމާއި ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ކަމަށާ އެމީހަކު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރުޒު ނުވާ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދީމިގްރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަަށެވެ.
މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ހައްގު މިނިވަން އަދި ދީމިގްރާތީ މުޖުތަމައު ތަކުގައި ހިފެހެއްޓިފައި ވަނީ އެ ހައްގުގައި މަގްސަދާއި އިމްތިޔާޒުތަކާއި ހައްގު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަަށާ ނޫސްވެރިންނަށް ލިބޭ މައުލޫމާތުގެ މަސްދަރުތައް ހިމާޔަތް ކުރުމުގެ ބޭނުން އޮތް ނަމަވެސް އެފަދަ މުޖްތަމައުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މައުލޫމާތެއް ލިބުނު ގޮތް ދެނެގަނެވޭނެ ގާނޫނީ ގޮތްތަކެއް އޮންނަ ކަމަަށް ސަރުކާރުގެ ބަޔާނުގައިވެއެވެ. އެގޮތުން އަދުލު އިންސާފުގެ މަސްލަހަތާއި ގައުމީ ސަލާމަތާއި ފިތުނަ ފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަސްލަހަތު އިސްކުރާ ކަންތައްތައް ހިމެނޭ ކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަީ 40 އަހަރަށްފަހު ފާސް ކުރެވުނު ހެއްކާބެހޭ ގާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ބަޔަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.
އެ ގޮތުން ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މައުލޫމާތު ހާމަކުރުމަށް މަޖުބޫރު ކުރުން މަނާކޮށްފައި ވަނީ މައުލޫމާތު ދިން ފަރާތް ސިއްރު ކުރުމުގެ ވައުދެއް ނުވަތަ ޔަގީން ކަމެއްގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާ މައުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ އެ މައުލޫމާތެއް ދިން މީހެއްގެ ރުހުމާ ނުލައި އެ މައުލޫމާތެއް ދިން މީހާ ހާމަނުކުރެވޭ ގޮތަށް ކަމަށެވެ. އަދި މި ގާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވާ ކަމަށާ އެއީ ނޫސްވެރިޔާ ހާމަކުރާ މައުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މައުލޫމާތެއް ކަމަށް ވުން ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ފަދަ މައުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓު އަމުރަކުން ދެވޭނީ މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާ ނަމަ ކަމަށެވެ. އެގޮތުން މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ގާނޫނުގައި ހިމަނައިފައިވާ ކަމަށް ބަޔާން ކޮށް އެކަން ތަފްސީލު ކޮށްފައިވެއެވެ.
މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭ ކަންކަން
- ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން؛
- ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމެއްކަން؛
- ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާބޮޑު ހާލަތެއް ކަމަށް އެ ހާލަތުވާކަން؛
- ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުޙައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން؛
- ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިއްމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން؛
- ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެންހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައި ނުވާކަން؛
- ނޫސްވެރިޔާ މަސްދަރާ ހަވާލާދީ ހާމަކުރި މަޢުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މަޢުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން؛
- ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ، ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައި ނޫންކަން.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިޔަކު އޭނާއަށް ލިބުނު މައުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން މި ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިއާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ނޫސްވެރިންނަށް ހިމާޔަތް ދިނުމާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރި ކުރުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީ މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައީސް ސޯލިހް ތަސްދީގު ކުރެއްވީ 153 ނޫސްވެރީން ސޮއިކޮށް އެ ބިލް ތަސްދީގު ނުކުރުމަށް އެދި ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށެވެ. އަދި އެ ގާނޫނު ތަސްދީގު ނުކުރުމަށް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ގޮވާލާފައި ވަނިކޮށެވެ. އެ ގާނޫނު ތަސްދީގު ކުރުމުން ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް އޮތް މާއްދާ އުނިކުރަން ކޯޓަށް ދާން އެމްއެމްސީ އިން ވަނީ ނިންމާފައެވެ.