ޕީޕީއެމް

ނާޒިމް "ފްރޭމް" ކުރީ ޔާމީނެއް ނޫން: ޕީޕީއެމް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތް ކުރައްވާ ދައްކަވާފައިވަނީ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ ދާދި ފަހުން ޓީވީ ޕްރަގްރާމެއްގައި ނާޒިމް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ގެއިން ފިސްތޯލަ އެއް ފެނުނު މައްސަލައިގައި އެކަމާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާއާއި ގުޅުވައި ދައްކަވާފައިވާ ވާހަކަތައް ދޮގުކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"..ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމުގައި ދަންނަވަމެވެ. ހަމައެއާއެކު އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލައަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއް ކަމަށް ވިދާޅުވިނަމަވެސް އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުންކަމުގައި ދަންނަވަމެވެ،"

އެ ބަޔާނުގައި ބުނެފައިވަނީ ނާޒިމް، ރައީސް އަބްދުﷲ ޔާމީންއަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް ކަމުގެ ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހިރައްޔިތުންނަށް ހާމަކޮށް ދިނުމަށް ނާޒިމަށް ގޮވާލައްވާ ކަމަށެވެ.

"ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައިވެސް ދަންނަވަމެވެ،" ނާޒިމް އިސްވެ ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައިވެއެވެ.