ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސް ލީޑަރު "ދަގަނޑު ދަހަނާ"އާ ކުރިމަތިލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ އަޖައިބެއްކަލަ ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އެއީ ރާއްޖޭގައި ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި ރިޔާސީ ކެންޑިޑޭޓެވެ. މިއަދު އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރައީސެވެ. އެއީ އެމްޑީޕީގެ މެންބަރުންގެ ހާއްސަ ލޯތްބަކާއި އާދަޔާ ހިލާފު ވަރުގަދަ އިހުތިރާމެއް ހޯއްދެވި ބޭފުޅެކެވެ. އެއީ އެމްޑީޕީގެ "ދަގަނޑު ދަހަނާ" އަޅުއްވައިގެން ހުންނެވި އެ ޕާޓީގެ ރޫހާނީ ލީޑަރެވެ.

"ދަގަނޑު ދަހަނާ"ގެ ނަމުގައި ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ އިންތައް ފެށުނީއްސުރެ ނިޔަލަށް ޖެހިފައިވާ ގޮތް ލިޔެ ފޮތެއް ޝާއިއު ކުރައްވާފައެވެ. އެ ފޮތާއެކު އެމަނިކުފާނު މަޝްހޫރުވެވަޑައިގެންފައިވަނީ "ދަގަނޑު ދަހަނާ" އަޅުއްވައިގެން ހުންނެވި ވަރުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގަ އެވެ.

ސިޔާސީ އޮއިވަރަކީ ކޮންމެ ވަގުތަކުވެސް ކޮންމެ ފަދަ ގޮތަކަށްވެސް ބަދަލުވެދާނެ ކަމެކެވެ. މިހާރު އެމްޑީޕީއަށް ވެފައި އެ އޮތްގޮތް އެއީ އެކަމުގެ ވަރަށް ސާފު މިސާލެކެވެ. ޕާޓީގެ ރައީސް އާއި އިސް ލީޑަރާއި ގުޅުމެއް ނެތެވެ. ހަމައެކަނި ގުޅުމެއް ނެތީއެއްވެސް ނޫނެވެ. ދެ ބޭފުޅުންގެ ޒަމާންވީ އެކުވެރިކަން ނިމުމަކަށް އައިސް ސިޔާސީ ގޮތުން ހަތުރުވެރިންނަށް ބަދަލުވީއެވެ. ދުވަހެއްގެ ކޮޅުންވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވިދާޅުވެދާނެ ކަމަށް މީހެއްގެ ހިތަށްވެސް އަރާފައިނުވާނެ ކިތަންމެ ވާހަކަފުޅެއް ވިދާޅުވަމުން ގެންދަވަނީ އެވެ.

ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ހިތަކަށް ލިބިވަޑައިގެންފައިވަނިކޮށް ދެ ލީޑަރުންގެ ސިޔާސީ ވާދަވެރިކަން ގަދަކޮށްލީއެވެ. އެ ވާދަވެރިކަމުގައި ޕާޓީގެ ކޮންގްރެހާއި ގަައުމީ މަޖިލީސް އަދި ރައްޔިތުންގެ މަޖިލީސްގެ ބާރު ހޯދުމުގެ ވަރުގަދަ ރޭހެއް ފެށުނީއެވެ. އެ ރޭހުގައި ކުރި ހޯއްދެވުމަށް ދެ ބޭފުޅުންވެސް އެއްވާނެއްގައި މަސައްކަތް ވަނީ ފަށާފައެވެ.

ނަމަވެސް މި ރޭހުގައި ފުރަތަމަ މުޅީންހެން ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އައި ކަންކަމެވެ. އައި ވާހަކަތަކެވެ. ސިޔާސީ ގޮތުން އެކުގައި ހުންނެވެން ނެތް ކަމަށް ނަޝީދު އިއުލާނު ކުރެއްވިއެވެ. އިދިކޮޅު ކޯލިޝަނާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ބޮޑުވެ އެ ފިކުރުގެ ތެރޭގައި "ރައީސް ސޯލިހް ހުންނެވީ ތާށިވެފައި" ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރެއްވިއެވެ.

ކޯލިޝަން ރޫޅާލާ އެމްޑީޕީން އެކަނި ވެރިކަން ކުރަން ޖެހޭ އޭ ވިދާޅުވިއެވެ. ރައީސް ހުންނެވީ "އަދާލަތުގެ ހިސޯރެއް" ގައި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މިހެން ގޮސް ކިތަންމެ ވާހަކައެއް އެމަނިކުފާނުގެ ފަރާތްޕުޅުން ޕާޓީގެ ގައުމީ މަޖިލީހާއި މީޑިއާތަކާއި ހަމައަށްވެސް އައިސްްފައިވެއެވެ. އަދި އެމަނިކުފާނުގެ ވަފާތެރިން މެދުވެރިކޮށް އެ ވާހަކަތައް އިތުރަށް ފުޅާކޮށް ރައީސް ސޯލިހަށް ސިޔާސީ ގޮތުން އެކި ގޯނާތައް ގެންދެވީ ކުރައްވަމުންނެވެ.

މި ހުރިހާ ކަމެއް ހިނގާދިޔައިރުވެސް ރައީސް ސޯލިހްގެ ފަރާތްޕުޅުން ފެނިވަޑައިގަތީ މަޑުމައިތިރި ކަމެވެ. އެހެން ގޮތަކުން ބުނާނަމަ ކެތްތެރިކަމެވެ. ނަމަވެސް އެ ސިލްސިލާ މިހާރު އޮތީ ނިމުމަކަށް އައިސްފައެވެ. ފުރަތަމަ ކަމަކަށް ރައީސް ސޯލިހާ ގުޅޭގޮތުން އެމްޑީޕީގެ ވަރަށް ސީނިއާ ބޭފުޅެއް ކަމަށްވާ ހަސަން އަފީފް ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބައްލަވާ އެފަދަ ވާހަކަތައް ހުއްޓުވަން އެންގެވިއެވެ. އެމަނިކުފާނު އެ އެންގެވުން އަންގަވަނީ ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުކަން ޗެއާޕާސަން އާއި ޕީޖީ ލީޑަރަށް އެންގެވިއެވެ. ރައީސްގެ މި އެންްގެވުމުގެ ވާހަކަ މީޑިއާތަކަށް ފުރަތަމަ ގެންނެވީވެސް ހަސަން އަފީފެވެ. އެކަމާއި ގުޅޭގޮތުން އޮގަސްޓް 11 ގައި ރައީސް ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސް އިން ސުވާލު ކުރިއެވެ.

ވަރަށް ސާބިތުކަމާއެކު އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ. ތިމަން މަނިކުފާނަކީ ޕާޓީގެ އިސް ލީޑަރެވެ. އެކަން ހަނދާން ނައްތާނުލައްވާށެވެ. އިސް ލީޑަރުގެ އެންމެ ބޮޑު ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީ ޕާޓީ އެކިގަނޑެއްގެ ގޮތުގައި ހިފެހެއްޓެވުމެވެ. ބައިބައިވުމާއި ފިތުނަ އުފައްދާ މީހުންނަށް ފިޔަވަޅު އެޅުއްވުމެވެ. އެކަން ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ އެވެ.

"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުރި މީހާ. ޕާޓީތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ކަމެއް އައީމަ އަޅުގަނޑު ޖެހޭނެ އެ ކަމެއް ހައްލު ކުރެވޭތޯ ބަލަން. އަދި ހާއްސަކޮށް ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އެކަމުގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި ލިޔެފައި. މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ވިދާޅުވިތޯ ބައްލަވައިދެއްވާށޭ. މިފަދަ ކަންކަން ވިޔަ ދެއްވައިގެން ނުވާނޭ،" އަފީފު ދެއްކެވި ވާހަކަތަކާއި ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނެވި ހަސަން އަފީފް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް މިހާރު ހުންނެވީ ކޮން ޕާޓީއެއްގައި ކަމެއް ސާފެއް ނޫނެވެ. ހުންނެވީ އަދާލަތުގައި ނޫޫން ކަމެއްވެސް އެނގިވަޑައިނުގަންނަވައެވެ. އެ މިންވަރަށް ކަންކަން އޮޅޭ މިންވަރަށް އަދާލަތާއި ރައީސް ސޯލިހާއި ގުޅުން ރަނގަޅެވެ. އިތުބާރު ކުރައްވަނީ އަދާލަތުގެ ބޭފުޅުންނަށެވެ. ޗީފް އޮފް ސްޓާފަކަށްވެސް ކަމުދާނެ ބޭފުޅަކު އެމްޑީޕީންވެސް ފެނިވަޑައިނުގަތެވެ. އެފަދަ ބޭފުޅުންވެސް ތިއްބެވީ އަދާލަތުގައެވެ.

ރައީސް ސޯލިހް ވަނީ ހަސަން އަފީފުގެ މި ވާހަކަތަކަށްވެސް ވަރުގަދައަށް ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުުގެ ސިޔާސީ ހަޔާތުގެ ފެށުމަކީ އެމްޑީޕީ އެވެ. މިހާތަނަށް ދެމި ހުންނެވީ އެގޮތުގަ އެވެ. އަދި ކުރިއަށްވެސް ދެމި ހުންނަވާނީ އެގޮތުގަ އެވެ. ދެން ރައީސް ވިދާޅުވެ ދެއްވީ އެމްޑީޕީގެ ޝަރަފްވެރި މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ވެވަޑައިގަންނަވާ ސަބަބުތަކެވެ.

އެމްޑީޕީ އުފެއްދުމުގެ ކުރީންވެސް އިތުރު ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރެވުނެވެ. އެކަމަށް އެދި ހުށައެޅި ލިސްޓްގައި ސޮއިކުރެއްވި 42 މެންބަރުންގެ ތެރޭގައި ރައީސް ސޯލިހް ހިމެނިވަޑައިގަންނަވަ އެވެ. ސިޔާސީ ޕާޓީތައް އުފައްދަން ފުރުސަތު ދޭން މަޖިލީހުގައި ނެގުނު ވޯޓްގައި އެކަމާއި އެއްކޮޅަށް ވޯޓް ދެއްވި ތިން މެންބަރުންގެ ތެރޭގައި އެމަނިކުފާނުގެ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއިކުރެއްވި ދެ މެންބަރުންްގެ ތެެރޭގައިވެސް ރައީސް ހިމެނިވަޑައިގަންނަވަ އެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް. މިއަދުވެސް މި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި. އެމްޑީޕީ އުފެއްދުމަށް ސޮއިކުރި 40 މީހުންގެ ތެރޭގައި ދެވަނަ ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެ ކުރީން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓްގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ހުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މެންބަރެއްގެ ގޮތުގައި ހުރެ އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓްގައި ވޯޓްދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭ. އެހެންވީމަ ސިޔާސީ މަސައްކަތް ފެށިގެން މި އައީ އެމްޑީޕީގައި. އަޅުގަނޑު ދެމި ހުންނާނީވެސް އެމްޑީޕީގައި،" އޮގަސްޓް 11 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވި އެވެ.

އަދިވެސް ދެއްވާ އެހެން ޔަގީން ކަމެއް އޮވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީއާއެކު ހުންނެވި ކަމުގެ ޔަގީން ކަމެވެ. ވިދާޅުވަނީ އެ މެޖޯރިޓީ ދަމަހައްޓަވަން ވެރިކަމުގައި ހުންނެވިހާ ދުވަހަކު ގަދައަށް މަަސައްކަތް ކުރައްވާނެ ކަމެވެ. ކުރިމަތިކުރުވާ ކޮންމެ ހުރަހަކާއި ސާބިތުވެ ކުރިމަތިލައްވާނެ ކަމެވެ.

"ވެރިކަމުގައި ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް. މެޖޯރިޓީއާ ނުލައި ވެރިކަން ކުރެއްވުމަކީ ވަރަށް އުނދަގޫ ދަތިކަމެެއް. އެހެންވީމަ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،"

ހަމަ އެރޭ އިތުރު ކަމެއްވެސް އެމަނިކުފާނުގެ ވާދަވެރިންނަށް ޔަގީން ކޮށްދެއްވިއެވެ. އެއީ އެރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީސް ހުއްޓުވާލެއްވުމެވެ. ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭއްވެވި އެ ބައްދަލްވުމަށް ހުށައެޅުނު އެއްވެސް ހުށައެޅުމަކަށް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ. އެއީ ކޯރަމް ނެތުމުންނެވެ. ރައީސްގެ ވަފާތެރިން ބައްދަލްވުމުގައި ބައިވެރިވެވަޑައިނުގެން ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތްކަންވެސް ޔަގީންކޮށްދެއްވީއެވެ.

އަނެއްކޮޅުން އެ ދުވަސް ވެގެން ދިޔައީ ތިމަން މަނިކުފާނަކީ ޕާޓީގެ އިސް ލީޑަރު ކަމަށް ވިދާޅުވެ މިފަދަ ފޯރަމެއްގައި ރައީސް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި އެމްޑީޕީ އާއި އެމަނިކުފާނާއި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދެއްވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ އެމްޑީޕީގެ ކޮންޓްރޯލް ހޯއްދެވުމަށް ދެ ރައީސުންގެ މެދުގައި ހިނގަމުންދާ ފިނި ހަނގުރާމާގައި ރައީސް ސޯލިހްގެ ފަރާތްޕުޅުން އައި މިފަދަ ވަރުގަދަ ހަމަލާއެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުންގެ ނަޒަރުގައި މިއީ ހަނގުރާމައިގެ މައިދާނަށް ރަސްމީކޮށް ނިކުންނެވިކަން ރައީސްގެ ފަރާތްޕުޅުން އިއުލާނު ވެގެންދިޔަ ދިއުމެކެވެ. އެކަން ވެގެން ދިޔައީވެސް އެހެންނެވެ. މުޅީންވެސް މިހާރު ފެންނަނީ އެ ހަނގުރާމައިން ކުރި ހޯއްދެވުމަށް ކުރައްވާހާ މަސައްކަތްޕުޅެވެ. އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިހާތަނަށް ހަމަނުޖެހި ހުރި ބައެއް ވަޒީފާތައް ހަމަޖެހެމުން އެބަ ދެއެވެ. ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އެޖެންޑާގައި އެންމެ ބޮޑުކޮށް އޮންނަނީ ޕާޓީގެ އިސް ހަރަކާތްތެރިންނާއި ބައްދަލު ކުރެއްވުމެވެ. މިއީ މީގެ ކުރީން ކަންކަން ހިނގަމުން ދިޔަ މަގެއް ނޫނެވެ.

ރައީސް ސޯލިހް މިހާރު ގެންދަވަނީ ތ އަތޮޅުގެ ހަތް ރަށަކަށް ދަތުރު ކުރައްވަމުންނެވެ. މިރޭގެ ނިޔަލަށް ހަތް ރަށަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނެ އެވެ. އޮމަދޫގެ ބަދަރު ހުޅުވުން ނޫން ރަސްމީ އެއްވެސް ހަރަކާތެއް ނެތެވެ. ކޮންމެ ރަށެއްގައިވެސް އެންމެ ދިގުކޮށް އޮންނަނީ އެމްޑީޕީގެ ހަރަކާތްތެރިންނާއި ބައްދަލު ކުރެއްވުމެވެ. ބައްދަލްވުންތަކުގައި ރައީސާއެކު އެންމެ އަރިހުގައި ތިއްބަވަނީ ގައުމީ މަޖިލީހުގެ އިންތިހާބަށް ރައީސްގެ ފަރާތްޕުޅުން ނެރުއްވާ ކެންޑިޑޭޓުންނެވެ. ބައްދަލްވުންތައް ކުރިއަށްދާއިރު ރީދޫ ފޮތިގަނޑުގައި ބޮޑުކޮށް ލިޔެފައި އޮންނަނީ "ޕާޓީގެ އިސް ލީޑަރު މެންބަރުންނާއި ބައްދަލު ކުރެއްވުން" ކަމަށެވެ.

މިއީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަރަށް ބޮޑަށް ރުޅިއަރުވާލި ލިޔުންކޮޅަކަށްވިއެވެ. "ހަޖަމު" ކުރަން ވަރަށް އުނދަގޫވިއެވެ. އެ ރުޅިން މުޅި ސޯޝަލް މީޑިއާ އިއްޔެ އޮތީ ފުރިފަައެވެ. ބައެއް މެންބަރުންގެ ނަޒަރުގައި އެއީ ނަޝީދަށް ކުރެއްވި ވަަރަށް ބޮޑު މަލާމާތެކެވެ. އަދި އެއީ ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށް ދަހިވެތިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ބައެއް މެންބަރުންގެ ނަޒަރުގައި އެއީ ގަދަކަމުން މެންބަރުން ލައްވާ އެ ލަގަބު ހޯއްދަވަން ކުރެއްވި ކަމެކެވެ. މިހެން ގޮސް މަލާމާތާއި ފުރައްސާރައިގެ އެކި އިމޯޖީތަކާއެކު ނަޝީދުގެ ވަފާތެރިންގެ ފުރައްސާރައިގެ ބަސްތައް ރައީސް ސޯލިހަށް އަމާޒު ކުރެއްވިއެވެ.

އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއެކު ކްލޯސްޑޯ މީޓިންއެއްގެ ގޮތުގައި ކުރިއަށްދާ ބައްދަލްވުންތަކުގައި ދެކެވޭ މުހިންމު ވާހަކަތައް ރައީސްގެ ތަރުޖަމާން މެދުވެރިކުރައްވާ ބޭރަށް ނެރުއްވުމަކީވެސް ނަޝީދުގެ ވަފާތެރިން އިތުރަށް ރުޅިގަދަ ކުރުވާ ކަމެވެ. ފުރަތަމަ ނެރުއްވަނީ އެ ރަށެއްގެ ކައުންސިލް ރައީސްގެ ފަހަތްޕުޅުގައި ގަދަކޮށް ސާބިތުވެ އޮތް ވާހަކަ އެވެ. ދެން އެމްޑީޕީގެ އެ ރަށުގެ ގޮފިތައް ބަދަހިކޮށް ރައީސާއެކު ތިބި ވާހަކައެވެ. އޭގެ ފަހުން ރައީސް ދައްކަވާ ވާހަކަފުޅެވެ. ރައީސް ދެއްވަނީ އެމްޑީޕީގައި ސާބިތުވެ ހުންނެވި ކަމުގެ ޔަގީން ކަމެވެ. އިސް ލީޑަރުގެ ހައިސިއްޔަތުން ކެރިވަޑައިގެން އަޅުއްވަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމެވެ. ޕާޓީ ބައިބައިކޮށް ފެކްޝަން ހަދަން ފުރުސަތު ނުދެއްވާނެ ކަމެވެ.

މި ހުރިހާ ވާހަކައަކުން އެ ދެއްވާ މެސެޖް ވަރަށްވެސް ސާފެވެ. އެމްޑީޕީގެ ކޮންްޓްރޯލް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމެވެ. ރައީސް ނަޝީދު ބޭނުންފުޅުވީނަމަވެސް އެމަނިކުފާނު ބޭނުންފުޅުހާ ކަމެއް ނުކުރެއްވޭނެ ކަމެވެ. މަޖިލީހުގެ މެޖޯރިޓީ އާއި ގައުމީ މަޖިލީސް އަދި އެމްޑީޕީގެ މެޖޯރިޓީވެސް އޮތް ކަމެވެ. "ދަގަނޑު ދަހަނާ" ގައި ހުންނެވި ޕާޓީގެ ރައީސްގެ އެ ވަރުގަދަ ދަހަނާ އިރާލައްވާނެ ކަމެވެ.

ސުވާލަކީ އެކަން އިސް ލީޑަރަކަށް ކުރެއްވޭނެ ތޯއެވެ.