ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ އަށް ރިއާޔަތްކޮށް، މޫޑީސް އިންވެސްޓާސް އިން ރޭޓިން އަނެއްކާވެސް ދަށްކޮށްފި އެވެ.
މޫޑީސް އިން އެންމެ ފަހުން މިދިޔަ އަހަރު ކުރި ރިވިއުގައި ރާއްޖެ އަށް ދީފައި ވަނީ "ބީ3" އްގެ ރޭޓިން އެކެވެ. ނަމަވެސް މި ފަހަރު ރޭޓިން ކޮށްފައި ވާއިރު ރާއްޖެ ވަނީ "ސީއޭއޭ1" އަށް ދަށް ކޮށްފަ އެވެ. މި ރޭޓިންގެ މާނައަކީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ކުރުމުގައި ދަތިތައް ކުރިމަތި ވެދާނެ އެވެ. އަދި މިރޭޓިން ދެނީ ދަރަނީގެ ހާލަތު ދެމިގެންދާ ފަދަ ހާލަތެއް އޮތް ކަމަށް ބަލާފަ އެވެ.
މި ރޭޓިންގައި މޫޑީސް އިން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ދަރަނި މަތިވަމުން ދިއުމުގެ ސަބަބުން ކުރިން އެ އެޖެންސީން ލަފާކުރި ވަރަށްވުރެ ވެސް ރާއްޖޭގެ ހާލަތު ގޯސް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މި ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއް ޑިފޯލްޓްވެފައި ނުވާ ކަމަށާ، ރާއްޖޭގައި ދަރަނި އަދާ ނުކުރެވޭނެ ފަދަ ހާލަތެއް ނެތް ކަމަށެވެ. އަދި ވޭތުވެދިޔަ ހާލަތްތަކުގައި ދަރަނީގެ ހާލަތު ރަނގަޅުވެފައިވާ ކަމަށާ، މޫޑީސްގެ ރޭޓިން ނެރުނުއިރު ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނީގެ ހާލަތަށް އައިސްފައިވާ ބަދަލު ބަލާފައި ނުވާ ކަމަށެވެ.
ސަރުކާރު ހިންގަން ގިނަ ލޯނު ތަކެއް ދަނީ ރާއްޖެއިން ނަގަމުންނެވެ. މިގޮތުން ނަގަމުންދާ ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން 130 ޕަސެންޓަށް އުފުލުނެވެ. ނަމަވެސް ޓޫރިޒަމް ރަނގަޅުވާން ފެށުމާއެކު ލޯނުތަކާ ހުރެ އިތުރުވި ދައުލަތުގެ ދަރަނި ވަނީ ދަށްވެފަ އެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ބެލި ނަމަވެސް ދަރަނި ތިން ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން ގެރެންޓީ ދީފައިވާ ދަރަނި ނުލައި ބަލާނަމަ ދަރަނި އުޅެނީ 63.3 ބިލިއަން ރުފިޔާގަ އެވެ. އަދި ގެރެންޓީ ދަަރަނި ހިމަނައިގެން ބަލާނަމަ ޖުމްލަ ދަރަނި 82.8 ބިލިއަން ރުފިޔާ އަށްވުރެ މައްޗެވެ.