ހޮލީވުޑާއި ބޮލިވުޑްގެ ވަރަށް މަޝްހޫރު ތަރިންގެ ތެރޭގައި އެއްގޮތަކަށް ވެސް ފެންވަރާ ހިތް ނުވާ އަދި މާ ގިނަ ގިނައިން ފެން ވަރާ ނޫޅޭ ތަރިން ތިބިކަން އެނގޭ ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް މިފަދަ އެކްޓަރުން މި ދެ އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރެ އެވެ. ބަލާބެލުމަށް ސްކްރީނުން މި އެކްޓަރުން ކިތަންމެ ރީތިވެފައި ސްމާޓް ކަމަށް ދެއްކިޔަސް ހަގީގަތުގައި މި މީހުންގެ ސާފުތާހިރުކަން ހުންނާނެ މިންވަރު މި މީހުންގެ މި އާދައިން ވަރަށް ރަނގަޅަށް ވަޒަން ކުރެވޭނެ އެވެ.
އެގޮތުން ހޮލިވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އެޝްޓަން ކުޗާ އާއި މިލާ ކުނިސް ދާދި ފަހުން ބުނެފައިވާ ގޮތުގައި އެ މީހުން ވެސް އަދި އެމީހުންގެ ދަރިން ވެސް ވަރަށް މަދު ފަހަރަކު ނޫނީ ފެނެއް ނުވަރަ އެވެ. މި ދެމަފިރިން މިގޮތަށް އެއްބަސްވުން ވެގެން ދިޔައީ އެމީހުންގެ ފޭނުންނަށް ލިބުނު ބޮޑު ޝޮކަކަށެވެ.
"ބޭޑް މޮމްސް" ގެ ތަރި އުޅެ ބޮޑުވީ ޔުކްރޭނުގަ އެވެ. އޭނާ ބުނި ގޮތުގައި ކުޑައިރު ޔުކްރޭނުގައި އުޅުނުއިރު ފެންވަރަށް ހޫނު ފެނެއް ނުލިބެ އެވެ. އެހެންވެ އޭނާ އަކީ މާ ގިނައިން ފެންވަރާ އުޅޭ މީހެއް ނޫނެވެ. އޭނާގެ ދަރިން ވެސް ކޮންމެ ދުވަހަކު ފެންވަރާ ސާފުތާހިރު ނުކުރުވާ ކަމަށް އޭނާ ބުންޏެވެ.
މިލާގެ އެކްޓަރު ފިރިމީހާ ކުޗާ ބުނި ގޮތުގައި އެމީހުންގެ ޕޮލިސީއަކީ ކުދިންގެ ގައިގައި ހަޑި ހޭކިފައި ހުއްޓާ ފެނިއްޖެނަމަ އެ ތަންކޮޅެއް ދޮވެލުން ކަމަށެވެ. ކުޗާ ބުނީ ކިހިލިފައްޗާއި ނާޒުކު ގުނަވަންތައް ކޮންމެ ދުވަހަކު ވެސް ސާފުކޮށްލާ ކަމަށެވެ. ފެންވަރާ ނޫޅޭ ކަމަށެވެ. އޭނާގެ އަންހެނުން ބުނީ ކޮންމެ ދުވަހަކު ދެ ފަހަރަކު މޫނު ދޮންނަ ކަމަށެވެ. ނަމަވެސް އެހާ ގަވައިދުން ފެން ނުވަރާ ކަމަށެވެ.
ހޮލީވުޑްގެ އެންމެ ނަން މަޝްހޫރު އަނެއް ތަރި ބްރެޑް ޕިޓަކީ ވެސް ފެންވަރަން ލޯބިކުރާ މީހެއް ނޫނެވެ. އޭނާ ބުނި ގޮތުގައި ބޭބީ ވައިޕްސް އިން ކިހިލިފަތް ސާފު ކޮށްލުމުން އޭނާއަށް ފުދެ އެވެ.
ބޮލީވުޑް މަޝްހޫރު އެކްޓަރު އާމިރު ޚާނަކީ ވެސް އެހާ ގިނައިން ފެންވަރާ މީހެއް ނޫނެވެ. ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން އާމިރުގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ ބުނި ގޮތުގައި ފެން ވެރުމުން ސަލާމަތް ވާން އާމިރަށް ކުރެވުނުހާ ކަމެއް ކުރާނެ އެވެ. ކިރަންގެ މި ވާހަކައަށް ޖަވާބު ދެމުން އާމިރު ބުނީ އޭނާއަކީ ވަރަށް ސާފުތާހިރު މީހެއް ކަމަށާއި އެހެންވެ އޭނާއަށް ކޮންމެހެން ފެންވަރަށް ނުޖެހޭ ކަމަށެވެ. އަދި އޭނާއަކީ ފެން އިސްރާފު ނުކުރަން ބާރު އަޅާ މީހެއް ކަމަށް ވެސް އާމިރު ބުންޏެވެ.
ހޮލީވުޑް މަޝްހޫރު ފިލްމު "ޓުވައިލައިޓް" ގެ ބަތަލު ރޮބަޓް ޕެޓިންސަން އަކީ ވެސް ފެން ނުވަރާ މީހުންގެ ލިސްޓުގައި ހިމެނޭ އެކްޓަރެކެވެ. ހަ ހަފުތާ ވާއިރު ވެސް އޭނާގެ އިސްތަށިގަނޑު ނުދޮންނަ ކަމަށް މީހުން ބުނާ ވާހަކައަކީ ހަގީގަތުގައި ވެސް ތެދެއް ކަމަށް ޕެޓިންސަން އެއްބަސްވި އެވެ. މި އިނގިރޭސި އެކްޓަރު ސްކްރީނުން ބަލާލަން ކިތަންމެ ރީއްޗަށް އޭނާ އާއެކު "ދަ ޓުވައިލައިޓް ސާގާ" ގެ ސެޓުގައި މަސައްކަތްކުރި ގިނަ ބަޔަކު ބުނަނީ ޕެޓިންސަންގެ ގައިން ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކެރޭ ކަމަށެވެ. އެންމެ މަޖާ ކަމަކީ މި އެކްޓަރަކީ ކޮލޯން ބްރޭންޑެއް އިޝްތިހާރު ކުރާ އެ ބްރޭންޑްގެ މޫނު ކަމެވެ.
"ހައި ސްކޫލް މިއުޒިކަލް 3" ގެ ބަތަލު ޒެކް އެފްރަން އަކީ ވެސް ފެންވަރާހިތް ވާ މީހެއް ނޫނެވެ. ޖިމްގައި ވޯކްއައުޓް ކުރުމަށާއި ބާސްކެޓްބޯޅަ އޭނާ ވަރަށް ގިނައިން ކުޅެ އެވެ. ނަމަވެސް ހިއްލާ ދާތައް ސާފުކުރަން ފެންވަރާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ކިތަންމެ ވަރަކަށް ކުޅެކުޅެފައި ވެސް ފެން ނުވަރާ އޭނާ އެތައް ދުވަހަކު ހުންނަ ކަމަށް ވެއެވެ. ބްރެޑް ޕިޓް ގޮތަށް އޭނާގެ ސްކޫލުން ކިޔެވި ދަރިވަރު އެފްރޮން ވެސް އުޅެނީ ބޭބީ ވައިޕް ގައިގައި ހާކާލައިގެންނެވެ.
ހޮލީވުޑްގެ "ޕްރިޓީ ވުމަން" ޖޫލިއާ ރޮބާޓަކީ ވެސް އީކޯ-ފްރެންޑްލީ މީހެކެވެ. އޭނާއާއެކު މަސައްކަތްކުރާ އެންމެން ވެސް އޭނާގެ ގައިން ނުބައި ވަސް ދުވާތީ ޝަކުވާ ކުރާ ކަމަށް ވެއެވެ. ހޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި ޖޫލިއާ ވަރަށް މަދު ފަހަރަކު ނޫނީ ފެނެއް ނުވަރާނެ އެވެ. ފެން ބޭކާރު ކުރުމާ އިދިކޮޅު މީހަކަށް ވާތީ އެވެ. އަދި އެއްގޮތަކަށް ވެސް ޑިއޮޑްރަންޓް ވެސް ޖޫލިއާ ބޭނުން ނުކުރާ ކަމަށް ވެއެވެ. ޖޫލިއާ ބުނާ ކަމަށް ވަނީ އެއީ އޭނާ ބޭނުން ކުރާ ހިތްވާ އެއްޗެއް ނޫން ކަމަށެވެ.