ބޮލީވުޑް

ސްޓީވަން ސްޕީލްބާގް ތިން ފަހަރަށް ބެލި ބޮލީވުޑް ފިލްމެއް

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރަކު ބޮލީވުޑް ފިލްމެއް ތިން ފަހަރަށް ބަލާފާނެ ކަމަކަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ހޮލީވުޑް މަޝްހޫރު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް 2013 ގައި ދީފައިވާ އިންޓަވިއު އެއްގައި އާމިރު ޚާންގެ "ތުރީ އިޑީއަޓްސް" އޭނާއަށް ވަރަށް ރީތި ކަމަށާއި ތިން ފަހަރަށް އެ ފިލްމު ބެލި ކަމަށް އެއްބަސް ވެފައި ވެއެވެ.

އާމިރުގެ އިތުރުން އާރް. މާދަވަން، ޝަރްމަން ޖޯޝީ އަދި ކަރީނާ ކަޕޫރު މުހިއްމު ރޯލުތައް ކުޅުނު މި ފިލްމުގައި ދައްކުވައިދިން އެކި ކަހަލަ ޖަޒުބާތުތައް އޭނާއަށް ވަރަށް ހިތްގައިމުކަމަށް ސްޕީލްބާގް ބުނެފައިވެއެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި "ތުރީ އިޑިއަޓްސް" ރިލީޒްކުރީ 2009 ގައެވެ. މި ފިލްމަކީ "މުންނާބާއީ އެމްބީބީއެސް" އައި "ލަގޭ ރަހޯ މުންނާބާއީ" އަށްފަހު ހިރާނީ ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ. އިންޑިޔާ އާއި އިންޓަނޭޝަނަލް ކްރިޓިކްސް ވެސް މި ފިލްމަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަދި ބޮކްސް އޮފީހުގައި ބްލޮކްބަސްޓާއެއްގެ ދަރަޖަ މި ފިލްމު ހޯދި އެވެ.

"ތުރީ އިޑިއަޓްސް" އަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބަށް ވުރެ އިންޑިޔާ އާއި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންގެ ފަރާތުން ލިބުނު ލޯބި މާ ބޮޑެވެ.

ޗައިނާގައި އާމިރުގެ "ދަންގަލް" އަށް ރެކޯޑް މުގުރާލާވަރުގެ ކާމިޔާބެއް ހޯދުނަސް އެކަމަށް މަގުފަހި ކުރުވީ "ތުރީ އިޑިއަޓްސް" އެވެ. ސަބަބަކީ ހިންދީ ފިލްމުތަކަށް ޗައިނާ މީހުންގެ ހިތްތައް ލެންބުވި ފުރަތަމަ ފިލްމަކީ "ތުރީ އިޑިއަޓްސް" ކަމަށް ވާތީ އެވެ.

އެ ފަހަރު ޗައިނާ ބޮކްސް އޮފީހުގައި "ތުރީ އިޑިއަޓްސް" އަށް މާ ރަނގަޅު ކާމިޔާބެއް ނުލިބުނެވެ. ސަބަބަކަށްވީ ހިންދީ ފިލްމުތައް ބަލަން އޭރު ޗައިނާ މީހުންގެ ޝައުގުވެރިކަން އެހާ ބޮޑަށް ނެތުމެވެ. ނަމަވެސް ފިލްމުގެ ޑީވީޑީ ރެކޯޑް އަދަދަކަށް އެ ގައުމުގައި ވިކުނެވެ. މީގެ މާނައަކީ ފިލްމުގެ މޮލު ވާހަކަ މީހުންގެ ފަރާތުން އިވިގެން ފިލްމުބަލަން ގިނަ ބަޔަކު ޝައުގުވެރިވީ ކަމެވެ.

ހޮލީވުޑް ޑައިރެކްޓަރަށް ވެސް "ތުރީ އިޑިއަޓްސް" ބެލުމުގެ ޝައުގުވެރިކަން އުފެދުނީ މީހުން މާ ގިނައިން އެ ފިލްމުގެ މޮޅު ވާހަކަ ދައްކާތީ ކަމަށް ވެއެވެ.

ސްޕީލްބާގް ބުނެފައިވާ ގޮތުގައި އޭނާ ހިންދީ ފިލްމު ބަލާފައިވަނީ ވަރަށް މަދުންނެވެ. ބެލި މަދު ފިލްމުތަކުގެ ތެރޭގައި "ތުރީ އިޑިއަޓްސް" ހިމެނި އެ ފިލްމު ވަރަށް މަގްބޫލު ފިލްމަކަށް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަގީގަތުގައި "ތުރީ އިޑިއަޓްސް" ގެ ބަތަލުގެ ރޯލު އެންމެ ފުރަތަމަ ހުށަހެޅީ ޝާހްރުކް ޚާނަށެވެ. ނަމަވެސް އެ ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާ އާއި ޝާހްރުކްގެ މެދުގައި އެ ދުވަސްވަރު ހިތްހަމަނުޖެހުންތަކެއް އޮތުމުގެ ސަބަބުން ޝާހްރުކް ފިލްމު ނުކުޅެން ނިންމީ އެވެ. ޝާހްރުކް ފިލްމު ދޫކޮށްލުމުން އާމިރަށް ފިލްމު ލިބޭގޮތް ވީ އެވެ.