ކަނޑާއި އެއްގަމު މަގުން ވިޔަސް އަދި ވައިގެ މަގުން ވިޔަސް ކުޑަ ކުދިން ގޮވައިގެން ދަތުރު ކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ގިނަ ކުދިންގެ މިޒާޖު ހުންނަ ގޮތުން އެއް ތަނެއްގައި މާ ގިނައިރު ނުތެދުވެ އިންނަން ޖެހިއްޖެނަމަ ފޫހިވެގެން ގޮސް އަޑު ހަރުކުރަން ފަށާނެ އެވެ. ބައެއް ކުދިން ރޯއިރު އަނެއްބައި ކުދިން ރޯ ކަމަށް ހެދިގެން ހަޅޭއްލަވާ ހަދަ އެވެ. އަދި ގޮނޑީގައި މައިތިރި ނުވެގެން ދުއްވާ އުޅަނދު ތެރޭގައި ކޮޅުކޮޅަށް ދުވާ ކުދިން ވެސް ފެނެ އެވެ.
ނަމަވެސް މިފަދަ ކުދިން ގޮވައިގެން ދަތުރުކުރާ މައިންބަފައިން އެ ދަތުރުކުރާ އުޅަނދެއްގައި ތިބޭ އެހެން މީހުނަށް އެ ކުދިންގެ ފަރާތުން އުނދަގޫ ކުރިމަތި ވިޔަސް އެއީ މާ ބޮޑު ކަމަކަށް ހަދައިގެން ނޫޅޭނަމަ ބައެއް މީހުން ވަރަށް ރުޅިގަދަ ވާނެ އެވެ.
ދާދިފަހުން މީހަކު ޝެއާކުރި ވާހަކައެއްގައި ބުނެފައި ވަނީ އޭނާ ތަނަކަށް ދާން އެރި މަތިންދާބޯޓެއްގައި އިން އަންހެނަކު އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ މުނިފޫހިފިލުވައި ދޭން އޭނާގެ ކައިރީގައި ބުނި ކަމަށެވެ. އެ ދެ މީހުންނަކީ ކުރިން ދުވަހަކު ވެސް ބައްދަލުވެފައި ނެތް ދެ ބީރައްޓެހިންނަށްވީ ނަމަވެސް އަންހެންމީހާ އެހާ ފަސޭހައިން އޭނާ ކައިރީގައި އެފަދަ ކަމަކަށް އެދުމުން ވަރަށް ހައިރާންވި ކަމަށް ވެސް މި ޚަބަރު ޝެއާ ކުރި މީހާ ބުންޏެވެ.
އެމީހާ ކިޔައިދިން ގޮތުގައި އޭނާއަށް މިކަމެއް ދިމާވީ 2020 ގެ އޮގަސްޓްގައި ބުޑަޕެސްޓުން ލަންޑަނަށް ދާން ކުރި ދަތުރެއްގަ އެވެ.
އޭނާ ކިޔައިދިން ގޮތުގައި އޭނާއާ އެއް ބަރިއެއްގައި އިން އެ އަންހެންމީހާ ފުރަތަމަ އެދުނީ އޭނާ އިން ވިންޑޯ ސީޓް އަންހެންމީހާގެ ހަތް އަހަރުގެ ދަރިފުޅަށް ދީފައި އޭނާ ޖެހިގެން އިން ސީޓަށް ދިއުމަށެވެ. އެއީ ދަރިފުޅަށް ކުޑަ ދޮރުން ބޭރު ފެންނާނީ އޭރުން ކަމަށް ވާތީ ކަމަށް އަންހެންމީހާ ބުނި ކަމަށް ވެއެވެ.
އަންހެންމީހާ ބުނި ގޮތަށް ވިންޑޯ ސީޓް ދީފައި ހިނގާ މަގާ ވީ ފަރާތު ސީޓަށް އޭނާ ބަދަލުވެ ހެޑް ސެޓް ޖަހައިގެން ފޯނުން "ވެނޮމް" ކިޔާ ފިލްމެއް ބަލަން ފެށި ކަމަށް މި ވާހަކަ ކިޔައިދިން މީހާ އިތުރަށް ބުންޏެވެ. ނަމަވެސް ވިއްސަކަށް މިނިޓް ވެސް ނުވަނީސް އަނެއްކާވެސް ކުޑަ ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އެމީހުން ތިބި ގޮނޑި ބަދަލުކުރި ކަމަށާއި އެހެން ހެދުމުން ކުޑަ ކުއްޖާ އިނީ އޭނާއާ ޖެހިގެން ކަމަށް ވެއެވެ.
"އަހަރެން ބަލަމުން ދިޔަ ފިލްމުގެ ތަންކޮޅެއް އަނިޔާވެރި މަންޒަރެއް އައުމުން އަންހެންމީހާ މަގޭ ކޮނޑުގައި އަތް ޖަހާލާފައި ބުނެފި އޭނާގެ ދަރިފުޅު ވެސް އެބަ ފިލްމު ބަލަޔޯ. މިއީ ކުޑަކުދިން ބަލަން އެކަށީގެންވާ ފިލްމެއްހޯ. އަހަރެން ބުނިން މިއީ 15 އަހަރުން މަތީގެ މީހުން ބަލާ ފިލްމެކޭ. ބުނީމަ އަންހެންމީހާ ބުނި އެހެންވިއްޔާ ކުޑަކުދިންނަށް ވެސް ބެލޭ ކަހަލަ ފިލްމެއް އަޅުވާށޭ. ނޫނީ ފިލްމު ނިއްވާލާށޭ. އަހަރެން ބުނިން އަހަރެން ފިލްމު އެޅީ ބޯޓުގައި އިނދެގެން ބަލާށޭ. ކަލޭގެ ދަރިފުޅަށް ދައްކާކަށް ނޫނޭ،" އެމީހާ ލިޔެފައި ވެއެވެ.
އަންހެންމީހާ މަޑުމަޑުން ދެ މިނިޓެއްހާއިރު އިނދެފައި އަނެއްކާ ވެސް އޭނާގެ ދަރިފުޅު ކުޅެން ގޭމެއް ފޯނުން އަޅުވައި ދޭން ވެސް އެދުނު ކަމަށް ވެއެވެ. އެމީހާ އިތުރަށް ބުނި ގޮތުގައި ފަހުން އޭނާ ކުރި ކަމަކީ އަންހެންމީހާ ދައްކާ ވާހަކަ އެއްގޮތަކަށް ވެސް އިވޭ ކަމަށް ނުހެދީ އެވެ.
ފްލައިޓް ޖައްސައި ފަސިންޖަރުންތައް ފައިބަން ފެށުމުން އެ އަންހެންމީހާ އޭނާގެ ދަރިފުޅު ގޮވައިގެން ދިޔައީ ހުތުރު އެއްޗެއް އޭނާއާ ދިމާލަށް ބުނެފައި ކަމަށް ވެސް އޮންލައިންގައި އެމީހާ ޝެއާކުރި ވާހަކައިގައި ލިޔެފައި ވެއެވެ. މި ވާހަކައަށް ކޮމެންޓުކުރި ގިނަބަޔަކު މި މީހާގެ ކެތްތެރިކަމަށް ތައުރީފު ކޮށްފައި ވެއެވެ. އަދި އެމީހުނާ ޖެހުނު ކަމެއް ނަމަ އެ އަންހެންމީހާ ބޯޓުން ބާލާވަރު ކުރީސް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.