ދުނިޔެ

އަފްޣާނާބެހޭ ގޮތުން ރައީސީއާ ޕޫޓިން މަޝްވަރާ ކުރައްވައިފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އީރާންގެ ރައީސް، އިބްރާހީމް ރައިސީއަށް ފޯނު ކުރައްވައި އަފްޣާނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ބުނީ ދެ ރައީސުން މަޝްވަރާ ކުރެއްވީ އަފްޣާންގައި ސުލްހަ ދެމެހެއްޓުމާ ގުޅޭ ގޮތުން ކަމަށެވެ.

އިރާންގެ ރައީސް ކަމަށް އިބްރާހީމް ރައިސީ ވަޑައިގެންނެވި ފަހުން މިއީ ޕޫޓިންއާ މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. ދެ ރައީސުން ކުރެއްވި މަޝްވަރާގައި އަފްޣާނަށް އެހިތެރި ވެދޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ތާލިބާނުން ނުކުމެ އަފްޣާން ސަރުކާރު ވައްޓާލައި މިހާރު މަސައްކަތް ކުރަނީ އެ ޖަމާއަތުން ހިންގާ ސަރުކާރެއް ގާއިމު ކުރާށެވެ. ރަޝިއާއިން ކުރިން ބުނެފައި އޮތީ ތާލިބާނުންގެ ވެރިކަމުގައި ރަޝިއާއިން އަފްޣާންގައި ހަރަކާތްތެރިވާނެ ކަމަށާއި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތަކަށް މަގުފަހި ކުރާނެ ކަމަށެވެ.

އަފްޣާންގެ އިތުރުން ޕޫޓިންއާ ރައީސީ ދެއްކެވި ވާހަކަތަކުގެ ތެރޭގައި އީރާންގެ ނިއުކްލިއާ ޑީލް ވެސް ހިމެނެ އެވެ. އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން ކުރާ މަސައްކަތްތަކަށް ދެ ބޭފުޅުން އަލިއަޅުވާލެއްވި ކަމަށް ވެސްވެ އެވެ.

އީރާނުން ކުރިން ބުނެފައި އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ގައުމީ ރޫހާ ހިލާފް ކަމެއް ކަމަށެވެ. އީރާނުން ސުލްހަވެރި މާނާގައި ނޫން ގޮތަކަށް ނިއުކްލިއާ ބޭނުން ނުކުރާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ޕޫޓިން ވިދާޅުވި ކަމަށް ކްރެމްލިން އިން ބުނީ އަފްޣާންއާ އެއްބޯޑަރު ހިއްސާކުރާ ގައުމެއްގެ ހައިސިއްޔަތުން އިރާނުން ކުޅެން ޖެހިފައި އޮތް ދައުރު ބޮޑު ކަމަށާއި ކޮންމެ ކަމެއްގައި ވެސް އީރާނަށް އެހީތެރި ވެދެއްވާނެ ކަމަށެވެ. ތާލިބާނުން އެދޭ ނަމަ ރަޝިއާގެ ދައުރު އަފްޣާންގައި ފުޅާ ކުރުމާ މެދު ވިސްނަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.