ޕުޓިން

ޕުޓިން އިރާނުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރަޝިއާގެ ރައީސް ވްލަދިމިއާ ޕުޓިން އިރާންގެ ރައީސް މަހްމޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބޭއްވުނީ އުޒްބެކިސްތާނުގައި ބޭއްވުނު ސަމިޓެއްގެ ތެރެއިން ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވެއެވެ. އަދި މެދުއިރުމަތި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވެސް ދެ ލީޑަރުން ވާހަކަދައްކަވާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ފަހަކަށް އައިސް އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅޭގޮތުން ވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ. އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ އިރާނަށް ބިރުން ސިހޭވަރުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ އެވެ.

ރަޝިއާ އާއި އިރާނުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ވަރަށް ގާތްކަން ފާހަގަކުރެވެ އެވެ. ޔޫކްރެއިންގެ ހަނގުރާމައިގައި އިރާނުން ވަނީ އެމެރިކާގެ އިންޒާރުތަކަށް އަޅައިނުލައި ރަޝިއާ އަށް ޑްރޯނާއި މިސައިލް ފޯރުކޮށްދީފަ އެވެ. އަދި ރަޝިއާ އިން ވެސް އިރާނަށް އަސްކަރީ ޖެޓާއި ދިފާއީ ސިސްޓަމްތައް ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެ އެވެ.

ދެ ގައުމަށް ވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ވަނީ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެވެ އެވެ. މި ބައްދަލުވުމަކީ ވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.