އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އިހްމާލެއް ނުފެންނަހާ ހިނދަކު އެމަނިކުފާނާއެކު އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިންވަނައަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި ދަފްތަރު ކޮށްފައިވާ އަދާލަތުގެ 16 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރޭ އިމްރާން ވިދާޅުވީ މިދިޔަ 16 އަހަރު އަދާލަތު ޕާޓީ ވަނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމަށް ރާއްޖޭގެ ސިޔާސީ ޕާޓީ ތަކަށް ނަމޫނާއެއް ދައްކާފައި ކަމަށެވެ.
އަދާލަތު ޕާޓީ އަކީ ސަރުކާރުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ އެ ޕާޓީ ސަރުކާރާ އެކު ސާބިތުވެ އޮންނާނީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމާއެކު ރައްޔިތުންގެ ހައްގުތައް އަދާ ކޮށްދިނުމުގައި ފުރިހަމައަށް މަސައްކަތް ކުރާނަމަ ކަމަށެވެ.
"މިދެންނެވި އަސާސްތަކާ ދުރަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލުމަށް ފަހު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އަދާލަތު ޕާޓީ ފަހަރެއްގައި ވެސް ފަހަތަކަށް ނުޖެހޭނެ. މިއީ އަޅުގަނޑުމެންގެ މި ޕާޓީގެ ނިންމުން،" އިމްރާން ވިދާޅުވި އެވެ.
އޭނާ އަދާލަތު ޕާޓީގެ ކޮންމެ ނިންމުމެއްގެ ކުރިއަށް އިސްލާމް ދީނާއި ދިވެހި ގައުމު އިސް ކުރާނެ ކަމަށެވެ. އެހެން ކަމުން އިސްލާމް ދީނަށް ގެއްލުން ދީ ގައުމުގެ މިނިވަން ކަމަށް ލޮޅުން އަރާ ހިނދަކު އެ މަންޒަރު ބަލަން އަދާލަތު ޕާޓީ މަޑުން ނޯންނާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ ޒަމާނީ ބަދަލުތަކާއި އެކު އަދި އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕާޓީގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.