ބާސެލޯނާ

ކޮޓީނިއޯ ބަހައްޓަން ބާސާއަށް މަޖުބޫރުވެއްޖެ

ފިލިޕޭ ކޮޓީނިއޯ ގަންނާނެ ކްލަބެއް ނުވުމުން އޭނާ ބާސެލޯނާގައި ބަހައްޓަން އެ ކްލަބަށް މަޖުބޫރު ވެއްޖެ އެވެ.

ކޮޓީނިއޯ ގަންނާނެ ކްލަބެއް ނުވުމުން އޭނާ ވިއްކާލަން ކުރަމުން އައި މަސައްކަތް ހުއްޓާލައި، ޓީމުގެ ސްކޮޑުން ޖާގަ ދޭން ބާސެލޯނާއިން ވަނީ ނިންމާފަ އެވެ. އަދި ކޮޓީނިއޯގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ލިވަޕޫލްގައި އޭނާ ދައްކާފައިވާ ފަދަ މޮޅު ކުޅުމެއް އޭނާގެ ފަރާތުން ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ކޮޓީނިއޯގެ ކުޅުން ރަނގަޅު ވަމުން އައި ނަމަވެސް ރެކޯޑު އަގަކަށް ޓީމަށް ގެނެސްފައިވާ ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ފަދަ ކުޅުމެއް އަދި ކޮޓީނިއޯގެ ފަރާތުން ނުފެނެ އެވެ. އެއީ މީގެ ކުރިން ޓީމުގައި މެސީ ހުރުމުން އޭނާގެ ހިޔަނި ދަށުގައި ކުޅެން ޖެހުމުން ކަމަށް ވެދާނެ އެވެ.

މެސީ ޓީމުގައި ނެތުމުން ބާސާގެ ކުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ނަމަވެސް މިއީ ކޮޓީނިއޯއަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވެދާނެ އެވެ. އެއީ މިނިވަންކަމާއެކު ޓީމުގެ ލީޑް ރޯލެއް އަދާ ކޮށްގެން ކުޅުމުގެ ފުރުސަތު މިހާރު ކޮޓީނިއޯއަށް އޮންނާނެތީ އެވެ. މީގެ ސަބަބުން ފާގަވެ ވިދާލަން ފަސޭހަ ވާނެ އެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ބާސެލޯނާގެ އޮފީހުން އޭނާ ވިއްކާލަން ބޭނުންވި ނަމަވެސް މިދިޔަ އަހަރު ޓީމާއި ހަވާލުވީއްސުރެ ކޯޗު ރޮނާލްޑް ކޫމަންއަށް ކޮޓީނިއޯ އަކީ ވަރަށް ކަމުދާ ކުޅުންތެރިއެކެވެ. އެގޮތުން މިދިޔަ ސީޒަން ފެށުނު އިރު ކޮޓީނިއޯ ވަނީ ޓީމުގެ ފުރަތަމަ 11 ގައި ހިމަނާފަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކޮޓީނިއޯ ކުޅުމާއި ދުރަށް ދާން ޖެހުނު ވަގުތު ޕެޑްރީ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޓީމުގެ ފުރަތަމަ 11 ގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ކޫމަންގެ ވިސްނުން މިހާރު ހުރީ ޕެޑްރީ އާއި ޑިޔޯންގް އާއެކު ކޮޓީނިއޯ މެދުތެރެއިން ކުޅުވުގެ އިތުރުން ވާއަތު ފަޅިން ކުރިއަށް ވެސް ކުޅުވުމަށެވެ. ކޮޓީނިއޯ އަކީ ފަޅިން ކުރިއަށް ވެސް ކުޅޭ ކުޅުންތެރިއެއް ކަމުން މިއީ އޭނާއަށް އޮތް ބޮޑު ފައިދާ އެކެވެ. ކުރިއަށް ކުޅޭ ޑެމްބެލޭ، އަގުއެރޯ އަދި ފާޓީ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ. އެހެން ކަމުން ވަގުތުގެ ބޭނުން ހިފައި ރަނގަޅު ކުޅުމެއް ދައްކައިފި ނަމަ ޓީމުގެ ފުރަތަމަ 11 ގެ ޖާގަ ކަށަވަރު ކުރަން ކޮޓީނިއޯއަށް ވަރަށް ފަސޭހަ ވާނެ އެވެ.