ރެއާލް މެޑްރިޑް

ރެއާލްއިން ރޮނާލްޑޯ ބޭނުމެއް ނޫން

ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ގެންނަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

އެންޗެލޯޓީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޮނާލްޑޯއަކީ ރެއާލް މެޑްރިޑްގެ ލެޖެންޑެއް ކަމަށާއި، ކްލަބާއި އޭނާގެ ފުރިހަމަ ލޯތްބާއި އިހްތިރާމް ރޮނާލްޑޯއަށް އެބައޮތް ކަމަށެވެ. ނަމަވެސް ރެއާލް މެޑްރިޑުން ރޮނާލްޑޯ ގެނައުމަށް ނުވިސްނާ ކަމަށެވެ. އަދި ޓީމުގެ ވިސްނުން ހުރީ މުސްތަގުބަލު އުޖާލާ ކުރަން ކަމަށް ވެސް އެންޗެލޯޓީ ބުންޏެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ރެއާލް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވީ މީގެ ތިން އަހަރު ކުރިން 99.2 މިލިއަން ޕައުންޑަށެވެ. މިހާރު އޭނާ އާއެކު ޔުވެންޓަސްއިން ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ 10 މަހެވެ. ރޮނާލްޑޯ ވަނީ ރެއާލްއަށް 438 މެޗް ކުޅެދީ 450 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ދެހާސް ނުވަ ވަނަ އަހަރު ރެއާލްއަށް ބަދަލު ވުމުގެ ކުރިން ރޮނާލްޑޯ ކުޅުނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އޭނާ އެންމެ ފުރަތަމަ ވިދާލީ އެ ކުލަބުންނެވެ.

ރެއާލްގެ ވިސްނުން މިވަގުތު އެންމެ ބޮޑަށް އަމާޒުވެފައި ހުރީ އެޓީމުގެ އެޓޭކިން ލައިން ވަރުގަދަ ކުރާށެވެ. އެގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އާލިން ހާލަންޑް ގެންދަން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެންޗެލޯޓީފާހަގަ ކުރި މުސްތަގުބަލު އުޖާލާ ކުރުމަކީ ޒުވާން އެ ދެކުޅުންތެރިން ހޯދުން ކަމަށް ބެލެވެ އެވެ.

ޕީއެސްޖީއަށް މެސީ ބަދަލުވުމާއެކު ރޮނާލްޑޯ ޕީއެސްޖީއަށް ގެންދިއުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް މާލީ ގޮތުން ޕީއެސްޖީއަށް އެކަންވާން އަންނަނީ އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ ނަމަ އެވެ.