ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 17 ރަށެއް

Aug 19, 2021
1

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަރާ ފޭބުން މަނާ ކޮށްފައިވާ ރަށްތަކުގެ އަދަދު 17 އަށް އަރައިފި އެވެ.

ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ހަތަރު ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ ށ. ފީވައް، ކ. ކާށިދޫ، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މި މަހުގެ ބަންދު ކުރި 12 ރަށެއް މި ލިސްޓުގައި އަދިވެސް ހިމެނެ އެވެ. އެއީ އއ. ހިމަންދޫ، ހދ. މަކުނުދޫ، ބ. އޭދަފުށި، ބ. ކަމަދޫ، އދ. ހަންޏާމީދޫ، ހދ. ނަޑެއްލާ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އދ. ދަނގެތި، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ އަދި މ. މަޑުއްވަރީ އެވެ. ކަނޑުހުޅުދޫ އަދި މަޑުއްވަރީ އެޗްޕީއޭ އިން ބަންދުކޮށްފައި ވަނީ މިއަދު އެވެ.

މި ރަށްތަކުގެ ތެރެއިން ތިނަދޫ އަކީ ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި އޮތުމަށްފަހު ހުޅުވައިލި ރަށެކެވެ. އެރަށުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު ހާލަތު ރަގަޅުވުމުން ރަށް ހުޅުވައިލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މަހެއް ނުވަނީސް އަނެއްކާ އެރަށް ބަންދުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

މީގެ އިތުރުން އޭދަފުށި ވެސް މިދިޔަ ހޯމަ ދުވަހު ވަނީ އަނެއްކާ ބަންދުކޮށްފަ އެވެ. އެރަށް މިދިޔަ އޭޕްރީލް މަހު ބަންދުކުރި ގޮތަށް ހުޅުވާލައިފައި ވަނީ ދެމަސް ފަހުންނެވެ. އެރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑްގެ އާ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.