ފޭކް ބުކިން ހަދައިގެން ރާއްޖެ އަށް ފަތުރުވެރިން ގެނެސް މަގުމަތިކުރުން ހުއްޓުވުމަށްޓަކައި ފަތުރުވެރިން ބުކިން ހަދާފައި ހުންނަ ކަމަށް ބުނާ ގެސްޓްހައުސްތަކަށް ގުޅައި ޗެކްކުރަން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ފޭކް ބުކިން ހަދައިގެން ފަތުރުވެރިންނަށް އޮޅުވާލާ މައްސަލަތައް އިތުރުވެފައިވާތީ އިމިގްރޭޝަނުން ވިސާ ދޫކުރުމުގެ ކުރިން ބައެއް ކަންކަން މިހާރު އިތުރަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިން ބުކިން ހަދާފައިވާ ކަމަށް ބުނާ ގެސްޓްހައުސްތަކަށް ބުކިން ހަދާފައިވޭތޯއާއި އެތަނުގައި އެއް ފަހަރާ ހިދުމަތް ދެވެނީ ކިހާ ފަތުރުވެރިންނަކަށް ކަން ބަލަމުންދާ ކަމަށެވެ.
"މިމަސައްކަތުން ވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ މިދިމާވެގެން އުޅޭ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް،" ހަނަފީ ވިދާޅުވި އެވެ.
އިމިގްރޭޝަނުން އަޅަމުންދާ ހުރިހާ ފިޔަވަޅެއްގެ މައުލޫމާތު ހިއްސާކުރަން ދަތި ކަމަަށްވެސް ހަނަފީ އެވެ. ނަމަވެސް ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަން ޔަގީންކޮށްދެއްވި އެވެ.
ހަނަފީ ވިދާޅުވީ ފޭކް ބުކިން ހަދައިގެން މީހުންނަށް އޮޅުވާލާ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން ކުރާ މަސައްކަތުން ވެސް ރަނގަޅު ނަތީޖާ ތަކެއް ފެންނާނެ ކަމަށެވެ.
ފޭކް ބުކިން ހަދައިިގެން ރާއްޖެ ގެނެސް ގިނަ ފަހަރު އޮޅުވާލާފައިވަނީ އިންޑިއާގެ ފަތުރުވެރިންނަށެވެ. އަދި މިދުވަސްވަރު ރާއްޖެ އަށް އެންމެ ގިނައިން އަންނަނީ ވެސް އިންޑިއާގެ ފަތުރުވެރިންނެވެ. އެކަމަކު ހަނަފީ ވިދާޅުވީ ވަކި ގައުމެއްގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން އޮޅުވާލާފައި ހުންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އިންޑިއާގެ ފަތުރުވެރިން މިދުވަސްވަރު ރާއްޖެ އަށް އައުން ވަރަށް ބޮޑަށް އިތުރުވެފައިވަނީ މެދުއިރުމައްޗާއި ޔޫރަޕަށް ދާއިރު ރާއްޖޭގައި ކަރަންޓީނު ވުމަށްފަހު އެ ސަރަހަައްދުގެ ގައުމުތަކަށް އެތެރެވުމަށް ފަސޭހއިން ވިސާ ލިބެމުންދާތީ އެވެ.