ޓޫރިޒަމް

ބޯޑަ މައިލްސް ޕްރޮގްރާމްގައި 1.5 މިލިއަން ފަތުރުވެރިން ބައިވެރިވެއްޖެ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓްސް ލިބި ގިނަ އިނާމުތަކެއް ލިބޭ، މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ބައިވެރިވެއްޖެ އެވެ.

އެކަން ފާހަގަކޮށް މޯލްޑިވްސް ބޯޑަ މައިލްސް އިން ބުނީ ޕްރޮގްރާމަށް ކުރު މުއްދަތެއްގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިންގެ ތަރުހީބު ލިބުނީ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ މެހެމާންދާރީގެ ސަބަބުން ކަމަށެވެ.

މިއީ ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮގްރާމަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ބޯޑަ މައިލްސް އިން ވަނީ ބުނެފަ އެވެ.

ބޯޑަ މައިލްސް ޕްރޮގްރާމް އިއުލާނުކުރީ ސެޕްޓެމްބަރު 27، 2020 ގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަން އާއި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން މި ޕްރޮގްރާމް ފެށީ ޖެނުއަރީ އެކެއް، 2021 ގަ އެވެ.

މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ވަނީ ތައާރަފުކޮށްފަ އެވެ. އެއީ ބްރޯޒް -- "އައިދަ" ޕެކޭޖާއި ސިލްވަ -- "އަންތަރަ" ޕެކޭޖުގެ އިތުރުން ގޯލްޑް -- "އަބާރަނަ" ޕެކޭޖެވެ.