ޕީއެސްޖީ

ޕީއެސްޖީން ކުޅުންތެރިންތަކެއް ވިއްކާލަނީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން މިފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ފަށައިފި އެވެ.

ޕީއެސްޖީން ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ ފަސް ކުޅުންތެރިޔެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ކުޅުންތެރިން ވިއްކާލަން ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ ފައިނޭންޝަލް ފެއާ ޕްލޭގެ އުސޫލުތަކަށް ފެއްތުމަށްޓަކައި ޓީމުގެ ހަރަދުތައް ކުޑަ ކުރުމަށެވެ.

ޕީއެސްޖީން ވިއްކާލަން ނިންމާފައިވާ އެއް ކުޅުންތެރިޔަކީ ތިލޯ ކެރާ އެވެ. އުމުރުން 24 އަހަރުގެ ސެންޓްރަލް ޑިފެންޑަރު ވިއްކާލަން ނިންމާފައި ވަނީ ޓީމުގައި މާކީނިއޯސް، ކިމްޕެމްބެ އަދި ސާޖިއޯ ރާމޯސް ފަދަ ގިނަ ސެންޓްރަލް ޑިފެންޑަރުންތަކެއް ތިބުމުންނެވެ. ކެރާގެ މާކެޓް ވެލިއު އަކީ 25 މިލިއަން ޔޫރޯ އެވެ.

އުމުރުން 30 އަހަރުގެ ޕަބްލޯ ސަރާވިއާ އަކީ މިފަހަރުގެ ޔޫރޯގައި ސްޕެއިންގެ ފުރަތަމަ 11 އިން ބަރާބަރަށް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް ޕީއެސްޖީން އަންނަނީ 25 މިލިއަން ޔޫރޯއަށް ސަރާވިއާ ވިއްކާލުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން 20 މިލިއަން ޔޫރޯގެ މާކެޓް ވެލިއުއެއްގައި މިވަގުތު ހުރި ހޫލިއަން ޑްރެކްސްލާ އަކީ ވެސް ވިއްކާލާނެ ކަމަށް ބެލެވޭ ލިސްޓުގައި ހިމެނޭ ކުޅުންތެރިޔެކެވެ. ހަތަރު އަހަރު ޕީއެސްޖީގައި ހޭދަކުރި އިރު ޑްރެކްސްލާ އަކި ޕީއެސްޖީގެ ފުރަތަމަ 11 އިން ވަރަށް މަދުން ނޫނީ ޖާގަ ނުލިބޭ ކުޅުންތެރިޔެކެވެ.

މި ލިސްޓުގައި ފަސް ކުޅުންތެރިން ހަމަވަނީ ރަފީނާ އާއި ކުރްޒާވާގެ ނަން މިލިސްޓުގައި ހިމެނުމުންނެވެ. ފްރާންސްގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން އޯގަސްޓް 31 ގައި ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން މި ދެކުޅުންތެރިން ވެސް ވިއްކާލުމަށް ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި ޕީއެސްޖީން ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފަ އެވެ. އެގޮތުން ފްރީ ޓްރާންސްފާއެއްގައި މެސީ، ޑޮނަރޫމާ، ވައިނާލްޑްމަން އަދި ސާޖިއޯ ރާމޯސް އެޓީމަށް ގެނަ އެވެ. އަދި 60 މިލިއަން ޔޫރޯއަށް އަޝަރަފް ހަކީމީ އާއި 16 މިލިއަން ޔޫރޯއަށް ޑެނީލޯ ވެސް ޕީއެސްޖީއަށް ވަނީ ގެނެސްފަ އެވެ. އެހެންކަމުން ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ހަރަދު ކޮށްފައި ވަނި ޖުމްލަ 76 މިލިއަން ޔޫރޯ އެވެ.

ނަމަވެސް ފްރީ ޓްރާންސްފާގައި ގެނައި ކުޅުންތެރިންނަށް ވެސް މުސާރަ ދޭން ޖެހޭނެތީ ޓީމުގެ ހަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.