ރާއިފް މަރާލުން

ޒިހާންގެ މައްޗަށް 13 ދައުވާ، 100 އަހަރުގެ ޖަލު ހުކުމް

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށް 13 ދައުވާއެއް އުފުލައިފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ޒިހާންގެ މައްޗަށް އަންނާނެ ކަމަށެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ
  • ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ
  • މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ވެސް ހިމެނޭ

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޖިންސީ ގޯނާކުރި ކަމުގެ ކުށުގެ ދައުވާ ޒިހާންގެ މައްޗަށް އުފުލާފައިވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި އެކަނި ނޫން ކަމަށެވެ. އޭނާގެ އެފަދަ އެހެން މައްސަލަތައް ހުރި ކަމަށް ވިދާޅުވި އެވެ.

"އިތުރު ކުދިންތަކަކަށް އޭނާ ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ހުރި ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެކަން އަޅުގަނޑަކަށް ހާމަކުރެވޭކަށް ނެތް،" ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ވެސް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. އުމުރުން 17 އަހަރުގެ ކުއްޖާގެ މައްސަލަ ވެސް މިއަދު ކޯޓަށް ވައްދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމާލުމަށްފަހު ދައުވާކުރުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ފުނަށް ވާސިލްވުމަށް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.