ދިޔާނާ ސައީދު

ބާރު ހޯދަން އަދާލަތުން ކޮންމެ އެއްޗެއްވެސް ވިއްކާފާނެ: ދިޔާނާ

އަރާއި ބާރު ހޯއްދެވުމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުދަށުގައި ނޯންނާނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު އެ ޕާޓީގެ އިސް ބޭފުޅުންނަށް ވަރުގަދައަށް ފާޑުވިދާޅުވެއްޖެ އެވެ.

ދިޔާނާގެ ފާޑުވިދާޅުވުމުން އަދާލަތު ޕާޓީގެ ވެރިންނަށް އަމާޒު ކުރެއްވީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އިހްމާލެއް ނުފެންނަހާ ހިނދަކު އެމަނިކުފާނާއެކު އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ތިންވަނައަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި ދަފްތަރު ކޮށްފައިވާ އަދާލަތުގެ 16 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރޭ އިމްރާން ވިދާޅުވީ މިދިޔަ 16 އަހަރު އަދާލަތު ޕާޓީ ވަނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމަށް ރާއްޖޭގެ ސިޔާސީ ޕާޓީ ތަކަށް ނަމޫނާއެއް ދައްކާފައި ކަމަށެވެ.

އަދާލަތު ޕާޓީ އަކީ ސަރުކާރުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ އެ ޕާޓީ ސަރުކާރާ އެކު ސާބިތުވެ އޮންނާނީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމާއެކު ރައްޔިތުންގެ ހައްގުތައް އަދާ ކޮށްދިނުމުގައި ފުރިހަމައަށް މަސައްކަތް ކުރާނަމަ ކަމަށެވެ.

"މިދެންނެވި އަސާސްތަކާ ދުރަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލުމަށް ފަހު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އަދާލަތު ޕާޓީ ފަހަރެއްގައި ވެސް ފަހަތަކަށް ނުޖެހޭނެ. މިއީ އަޅުގަނޑުމެންގެ މި ޕާޓީގެ ނިންމުން،" އިމްރާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަދާލަތު ޕާޓީގެ ކޮންމެ ނިންމުމެއްގެ ކުރިއަށް އިސްލާމް ދީނާއި ދިވެހި ގައުމު އިސް ކުރާނެ ކަމަށެވެ. އެހެން ކަމުން އިސްލާމް ދީނަށް ގެއްލުން ދީ ގައުމުގެ މިނިވަން ކަމަށް ލޮޅުން އަރާ ހިނދަކު އެ މަންޒަރު ބަލަން އަދާލަތު ޕާޓީ މަޑުން ނޯންނާނެ ކަމަށެވެ.

އިމްރާންގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ދިޔާނާ ވިދާޅުވީ އަރާއި ބާރު ހޯއްދެވުމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުދަށުގައި ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ބޭސްއެއް ނެތްއިރުވެސް ސަރުކާރު އަމިއްލަ ކުންފުންޏެއްހެން ފޮތިފޮތިކޮށްގެން ހިއްސާ ނަންގަވައިގެން ތިއްބެވީ "ދީނާ ސިޔާދަތު" ރަހުނުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ދިޔާނާގެ ފާޑުވިދާޅުވުން އަދާލަތަށް އަމާޒު ކުރެއްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދާލަތާއެކު ބާއްވަވާ ގުޅުމާމެދު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އާންމު މެންބަރުންވެސް ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. ހުދު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ހުންނެވީ "އަދާލަތުގެ ހިސޯރެއް"ގެ ތެރޭގައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.