ދުނިޔެ

އިންޑިއާގެ ދިފާއީ ދާއިރާ ވަރުގަދަ ކުރަން ޖެހޭ: ރަޖުނާތު ސިންގް

އިންޑިއާއަކީ އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވިފައި އޮތް ގައުމަކަށް ވާންޖެހޭ ކަމަށް ދިފާއީ ވަޒީރު، ޖަރުނާތު ސިންގް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން ވިދާޅުވީ އިންޑިއާގެ ދިފާއީ ދާއިރާ ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އިންޑިއާއަކީ އަސްކަރީ ގޮތުން ފުދުންތެރި ގައުމަކަށް ވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިފާއީ ވަޒީރު އެ ވިދާޅުވަނީ އިންޑިއާގައި އަސްކަރީ ހާޑްވެއާ އުފައްދަން އުއްމީދުު ކުރައްވާ ވާހަކަ އެވެ. އޭނާ ފާއިތުވި އަހަރު އޮގަސްޓްގައި ވެސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ 2024 ލައިގަތުމުގެ ކުރިން އަސްކަރީ ހާޑްވެއާ ދަރަޖަ ކުރައްވާނެ ކަމަށާއި އިންޑިއާ އަށް އެތެރެ ކުރާނީ ވަކި ގިންތިއަކުން މަތީ އަސްކަރީ އާލާތްތައް ކަމަށެވެ.

ވަޒީރު އުއްމީދު ކުރައްވަނީ ސަބްމެރީންގެ ބައެއް މޮޑެލްތަކާއި ކުރޫޒު މިސައިލް އަދި ހެލިކޮޕްޓަރުގެ ބައެއް ވައްތަރުތައް އިންޑިއާގައި އުފެއްދުމަށެވެ.

އިންޑިއާއަކީ އުފެއްދުންތެރި ގައުމެކެވެ. ޒަމާނީ އާލާތްތައް ގިނައިން އުފައްދާ ގައުމެކެވެ. ސައިންސްވެރިންނާއި އިންޖިނޭރުން ވެސް އެހައި ގިނަ ގައުމެކެވެ. ޖައްވީ ރޮކެޓާއި ސެޓެލައިޓް އުފެއްދުމަށް ކުޅަދާނަ ގައުމަކަށް އަސްކަރީ އުޅަނދެއް އަދި މިސައިލެއް އުފެއްދުން ދަތިކަމަކަށް ނުވާނެ އެވެ.

ރަޖްނާތު ސިންގް ވިދާޅުވީ އިންޑިއާއިން ދިފާއީ ދާއިރާ ހަރުދަނާ ކުރަން އަމާޒު ހިފަން ޖެހިފައި އޮތް ކަމަށާއި އަސްކަރީ ހާޑްވެއާ އުފެއްދުމަށް ކުޅަދާނަ އަދި ފަރިތަ ގައުމަކަށް ވާން ޖެހޭ ކަމަށެވެ.

ވަޒީރު ދެއްކެވި ވާހަކަތައް ހާލަތަށް ބަލާއިރު މި ސަރަހައްދަށް ވެސް ވަރަށް މުހިންމެވެ. އަފްޣާނިސްތާނަށް ތާލިބާނުން ވެރިވެގެންފައި އޮތްއިރު އަދި އިންޑިއާއާ އެއްބޯޑަރު ހިއްސާކުރާ ގައުމުތައް އުތުރި އަރަމުން އަންނައިރު ދިފާއީ ގޮތުން މުޅި ސަރަހައްދު ހޭލާ އޮންނަން ޖެހެ އެވެ.

އިންޑިއާގެ ކޮނޑުގައި ސަރަހައްދީ ބޮޑު ޒިންމާއެއް އޮތީ އެޅިފަ އެވެ. އެހެންކަމުން ފުއްދުންތެރި ގައުމަކަށް އިންޑިއާ ވުމަކީ ކުދި ގައުމުތަކަށް ވެސް ލިބޭ ރައްކާތެރި ކަމެކެވެ.