ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި ދުން އެރުން އޮކްޓޯބަރު މަހުގެ ނިޔަލަށް ހުއްޓުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ދުން އެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވޭ ކަަމަށް ވެސް ބުންޏެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރާއިރު ބަލަމުން ދަނީ އެތަނުން އަރާ ދުން ވީހާވެސް މަދު ކޮށްގެން އެ މަސައްކަތްކޮށް ނިންމާށެވެ.
ނަމަވެސް އެ ގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމުގައި ބެލެވޭތީ އެކަމަކީ ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ކުރިމަތި ވެދާނެ އުނދަގުލެއްކަމުން އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމުމަށް ކަމަށެވެ.
މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީ އާއި އޭއައިއައިބީ އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި ފަށާފައިވާ ކަމަށެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީ އާއެކު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.