ތިލަފުށި

ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތަކުން ކަންބޮޑުވާ އެތައް ކަމެއް

ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތައް ހަދައި ކުރި ތަހުލީލުތަކުން ކަންބޮޑުވާ އެތައް ކަމެއް ފާހަގެވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ މިހެން ވިދާޅުވީ ކުނި ނައްތާލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝައުނާ ވިދާޅުވީ މީގެ 35 އަހަރެއްހާ ދުވަސްކުރިން ތިލަފުއްޓަކީ ރީތި ފަޅެއް ކަމަށާއި ނަމަވެސް ކުނި އަޅައި ފުރުމުގެ ސަބަބުން މިހާރު ރަށަކަށް ބަދަލުވެފައިވާ ތަނެއް ކަމަށެވެ. އެކަމަކު މިވީހާތަަނަށް ކުނި މެނޭޖްކުރަމުން ދިޔައީ ހަމައެއް ލަމައެއް ނެތި ކަމަށާއި އަދި ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އޮތީ ބޮޑު ނުރައްކަލަަކަށްވެފައި ކަމަށެވެ.

"ތިލަފުށީގެ ވެލިގަނޑުތަކުގެ ޓެސްޓުތައް ހަދާ ބެލިއިރު ކަންބޮޑުވާ އެތައް ކަމެއް އެބަހުރި. އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. މި ނުރައްކަލުގެ އަސަރު ކުރާނީ ހަމައެކަނި މާލެ ސަރަހައްދަކަށް އެކަންޏެއް ނޫން،" ތަފްސީލް ނުދެއްވާ ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރާނެ ސަރަހައްދުތައް ގާއިމުކޮށްފައި ނެތުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި މިހާރު މިވަނީ ތިލަފުށީގެ މިސާލު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި އޭގެ ނުރަނގަޅު އަސަރު އާންމު ސިއްހަތަށާއި އާންމު ދިރިއުޅުމަށް ވެސް ކުރާ ކަމަށެވެ. މިނިސްޓަރު އެކަން ސިފަކުރެއްވީ ތާހިރު ދިރިއުޅުމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ.

ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ކުނި މެނޭޖުކުރުމަކީ ދަތިކަމެއް ކަމަށާއި އެގޮތުން ރަށްރަށުގެ ބިން ކުޑަވުމާއި އަގުގެ ގޮތުން ވެސް މިއީ ހަރަދުބޮޑު މަސައްކަތެއް ކަމެއް ކަމަށެވެ. އަދި އެގޮތުން ހުރިހާ އެއްޗަކީވެސް އިމްޕޯޓްކޮށްފައިވާ ތަކެއްޗަށްވާތީ ކުނި އުފެދޭ ސްޕީޑް ވަރަށް ބާރު މިނުގައި އިތުރުވަމުންދާ ކަމަށެވެ.

ކުނީގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގްރޭޓާ މާލޭ ސަރަޙައްދު ހިމެނޭހެން ހަތަރު އަތޮޅެއްގެ 35 ރަށަށް ބަހާލައިގެން ބޮޑު ޕްރޮޖެކްޓެއް މިއަދު ވަނީ ލޯންޗުކޮށްފަ އެވެ. މީގެ ތެރޭގައި ކ، އއ، އދ އަދި ވ އަތޮޅު ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް 35 ރަށުގައި ގާއިމުކުރެވިގެން ދާނެ އެވެ. އަދި ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ބޭރުކުރުމަށްފަހު ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ ތިން ލޭންޑިން ކްރާފްޓް ބޭނުންކުރާނެ އެވެ.