ރާއްޖޭގެ އުރީދޫ މޯލްޑިވްސް އަށް ބޭރުގެ ފަހުރުވެރި ގިނަ އެވޯޑު ތަކެއް ލިބިއްޖެ އެވެ.
އާއްމު ރައްޔިތުންނާއި ޕެންޝަން ފަންޑު އަދި ވަތަނިއްޔާ އިންޓަނޭޝަނަލް ހިއްސާވާ އުރީދޫ މޯލްޑިވްސް އަށް މި ފަހަރު ލިބިފައިވަނީ 18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން ފާހަނގަކޮށްލެވޭ އެވޯޑް ތަކެކެވެ.
މީގެ އިތުރުން ލިބުނީ ކޮވިޑުގެ މި ހާލަތާ ގުޅިގެން އުރީދޫން ފޯރުކޮށްދީފައިވާ ގިނަ ގުނަ ހިދުމަތްތަކަށް ސިލްވަ އަދި ބްރޮންޒް ސްޓީވީ އާއި އެ ކުންފުނީގެ މޫލީ އަދި އެމް-ފައިސާގެ ހިދުމަތައް ލިބުނު އެވޯޑުތަކެވެ.
އުރީދޫއަށް ލިބުނު އެވޯޑުތައް
- 18ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑުން ބްރޮންޒް ސްޓީވީ - މޯސްޓް ވެލިއަބަލް ސާވިސް (ކޮވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން
- އޭޝިއާ ޕެސިފިކް އެވޯޑުން، ސިލްވަ ސްޓީވީ - މޯސްޓް ވެލިއަބަލް ކޯޕަރޭޓް ރެސްޕޯންސް (ކޮވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
- ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ މުޖުތަމައުގެ ތަރައްގީއައި ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކޮވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޓީމުން ވަނީ ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ބައިނަލް އަގުވާމީ ޕްލެޓފޯމެއްގައި މި މަސައްކަތް ފާހަގަވެ އެވޯޑެއް ލިބުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ކަމެއް. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދީފަ،" ނަޖީބު ވިދާޅުވި އެވެ.
ކޮވިޑް 19އާއި ގުޅިގެން އުރީދޫ އިން ދަނީ ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްހި ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ސަރުކާރުގެ އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި، ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.
އުރީދޫ އަށް މިދިޔަ އަހަރުވެސް މިފަދަ ފަހުރުވެރި ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ.