ލައިފްސްޓައިލް

ބޭހަކާ ނުގުޅޭތީ ކުއްޖެއްގެ މުޅި ގައިން އިސްތަށި ފަޅަނީ

އެމެރިކާގެ ހަތަރު މަހުގެ ކުޑަ ކުއްޖަކަށް ވަރަށް އަޖައިބުވާ ކަހަލަ ސިއްހީ މައްސަލައެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ. މި ކުއްޖާއަކީ ވަރަށް މަދުން ނޫނީ މީހުންނަށް ދިމާނުވާ ޖެނެޓިކް މައްސަލައެއް ހުންނަ ކުއްޖެކެވެ. މިއީ ފުރާނައަށް ނުރައްކާ ބައްޔަކަށް ވާތީ މި ބައްޔަށް ދިން ބޭހެއްގެ ސަބަބުން އިތުރު ތަކުލީފު ތަކަކާ މިހާރު މިކުއްޖާއަށް ވަނީ ކުރިމަތިވެފަ އެވެ. އެ ބޭހުގެ ސައިޑް އިފެކްޓްސް އެއްގެ ސަބަބުން ކުއްޖާގެ މުޅި ގައިގައި އިސްތަށި ފަޅަން ފެށީ އެވެ.

މަޓޭއޯ ހާނަންޑޭޒް ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ އަކީ ކޮންޖެނިޓަލް ހައިޕައިންސިއުނިލިސަމް ކިޔާ މައްސަލައެއް ހުރި ކުއްޖެއްކަން އެނގުނީ އޭނާއަށް އެންމެ މަހެއް ފުރުނު ތަނާ އެވެ. މި ބަލި ހުރުމުން ކުއްޖާގެ ޕެންކްރިއަސް އިން އާދަޔާ ޚިލާފަށް އިންސިއުލިން އުފައްދަ އެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު މާ ބޮޑަށް ދަށްވަނީ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ބަލީގެ ކުދިން އުފަންވަނީ މުޅި ދުނިޔޭގައި ވެސް ވަރަށް މަދުންނެވެ. މި ބަލި ރެކޯޑް ކުރެވިފައިވަނީ އުފަންވާ ކޮންމެ 50،000 އަކުން އެންމެ ކުއްޖަކަށް ދިމާވާ ޖެނެޓިކް މައްސަލައެއްގެ ގޮތުގަ އެވެ.

މަޓޭއޯގެ މައިންބަފައިން ކަމަށްވާ ބްރީ ޝެލްބީ އާއި ޖެއާޑް ހާނަންޑޭޒް މި ކުއްޖާއަށް ފަރުވާ ކުރަން ފެށީ ހަކުރު ދަށްވަމުން ގޮސް އޭނާގެ ފުރާނާއަށް ގެއްލުންވާ ވަރު ވުމުންނެވެ. ބޭސް ކުރަން ފެށުމުން ތުއްތު މަޓޭއޯގެ ހާލު ރަނގަޅުވިއިރު ބޭހުގެ ސައިޑް އިފެކްޓްސްތައް އިންތިހާއަށް ފެންނަން ފެށި އެވެ. އެގޮތުން ކުއްޖާގެ މުޅީ ގައިގައި ވަރަށް ދިގު ކަޅު އިސްތަށިތަކެއް މިހާރު ވަނީ ފަޅާފަ އެވެ.

ޕޮލިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ބްރީ ދާދިފަހުން ވަނީ ޓިކްޓޮކްގައި ތުއްތު މަޓޭއޯގެ ފޮޓޯއެއް ޝެއާކޮށް އެ ތުއްތު ކުއްޖާގެ ހާލަތާ ގުޅޭ މައުލޫމާތު ވެސް ލިޔެފަ އެވެ. އޭނާ މިކަންކުރީ މި ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވުމުގެ ނިޔަތުގައި ނަމަވެސް އޮންލައިންގައި ގިނަ ބަޔަކު ތުއްތު ކުއްޖާއަށް މަލާމާތްކޮށްފަ އެވެ.

މަޓޭއޯގެ މަންމަ ލިޔެފައިވާ ގޮތުގައި އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ޑައިޒޮކްސައިޑް ކިޔާ ބޭހެއް ދޭން ޖެހެ އެވެ. މި ބޭހާ ކުއްޖާއާ ނުގުޅޭތީ ކުއްޖާގެ ގައިގައި ދިގު އިސްތަށި ފަޅަނީ ކަމަށް ޒުވާން މަންމަ ކިޔައިދީފައި ވެއެވެ.

ނަމަވެސް އޮންލައިންގައި މި ވާހަކަ ޝެއާކުރުމުން ކަންތައްވީ ބްރީ ހީކުރި ގޮތަކަށް ނޫނެވެ. ވަރަށް މަދު މީހަކު އެ ކުއްޖާ ވެކްސް ކުރުމަށާއި ހޯމޯން ލެވެލް ޗެކް ކުރުމަށް މަޝްވަރާ ދިން ނަމަވެސް ގިނަ މީހުން މި ތުއްތު ކުއްޖާއަށް ކޮށްފައިވަނީ މަލާމާތެވެ. މަލާމާތްކުރި އެކަކު އެ ކުއްޖާ އެއްލާލަންވީ ނޫންހޭ ވެސް އަހާފައި ވެއެވެ.

ނެގެޓިވް ކޮމެންޓްތައް ކުރާތީ އައި ރުޅިން ބްރީ ވަނީ ވަރަށް ރަނގަޅަށް އެމިހުންނަށް ޖަވާބު ދީފަ އެވެ. ތުއްތު ކުއްޖާގެ މަންމަ ބުނީ މީހުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާއަށް ފަރުވާލެއް ނެތް ކަމަށާއި ތުއްތު ދަރިފުޅާއެކު އޭނާ އުޅެނީ އުފާވެރި ދިރިއުޅުމެއް ކަމަށެވެ.