ރާއްޖެއަށް ބޭނުންވާ ވަރަށް އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއިން ބޭރުން އެތެެރެކުރާނަމަ އެފަދަ ބާވަތްތަކަށް ޓެކްސް އެއް ނެގުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ތ. ކަނޑޫދޫ އަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ކަނޑޫދޫ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ ތެރެއިން ރަށެވެ. ހާއްސަކޮށް ކަނޑޫދޫ މިރުހަކީ ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ.
ކަނޑޫދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މިބައްދަލުވުގައި ރައީސް ސޯލިހް ފުރަތަމަ އަޑުއެއްސެވީ ދަނޑުވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ. އެގޮތުން ދަނޑުވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލުން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ ފައިދާ ދަނޑުވެރިންނަށް ނުލިބުމާއި، ސަރުކާރުން ދަނޑުވެރިންނަށް ތައާރަފްކޮށްފައިވާ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭ މައްސަލަ އެވެ.
ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމަ އަގު ލިބޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކޮށްދިނުމަށްވެސް ދަނޑުވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފަ އެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ސާމާނު އަދި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާ ކަން ފާހަގަކޮށް ދަނޑުވެރިން ވަނީ އެމީހުން ފަސޭހަ ގޮތަކަށް އަލުން އަނބުރާ ގާނޫނީ އިމުގެ ތެރެއަށް ގެނެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިފަ އެވެ.
ދަނޑުވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނެ ގޮތެއް އަދި މަޝްވަރާތައް ގޮސްފައިވާ ހިސާބަކާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
ކަނޑޫދޫގައި އުޅޭ ބިދޭސީންގެ މައްސަލާގައި ރައީސް ވިދާޅުވީ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށާ ދަނޑުވެރިން ހުށަހަޅާފައިވާ އެހެން މައްސަލަތަކަށް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ރަނގަޅު ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށް ޑިމާންޑް ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމަށް މިބައްދަލުވުމުގައި ރައީސް ވަނީ ދަނޑުވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
ރައީސް ސޯލިހް މިދިޔަ އަންގާރަ ދުވަހު ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ އިރުއޮއްސުނު ވަގުތު އެމަނިކުފާނު ވަނީ މާލެ ވަޑައިގެންފަ އެވެ.