މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އެކު މަޝްވަރާކޮށްފި އެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިތުރުން މާލޭގެ ތަރައްގީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީއަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް އެކަމުގެ ތަފްސީލް މައުލޫމާތު އަފްޝަން ހިއްސާކުރައްވާފައެއް ނުވެ އެވެ.
ނަމަވެސް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މައްސަލަތައް ހައްލުކުރުމަށް އެލްޖީއޭ އިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަފްޝަން ދެއްވާފައިވެ އެވެ.
މާލޭގެ ހިންގުމާ ހަވާލުވެފައި އޮތް މިހާރުގެ ސިޓީ ކައުންސިލަށް ތިން މަސް ވެގެން ދިޔައިރު ސަރުކާރުން އެދުނު ކަންކަން ސިޓީ ކައުންސިލުން ކޮށްދެމުންދާ ކަން މޭޔަރު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އަދި ޖެއްސުންކުރާ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
ގުޅިފަޅު ތަރައްގީ ކުރުމަށް މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލެއް ގެނެސް މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގުޅިފަޅުގެ ބޮޑު ބައެއް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ދަނީ ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް ސިޓީ ކައުންސިލުން އެދޭ ގޮތަށް އެ ބަދަލު ގެނައުމަށް ސަރުކާރުން އަދި އެދިފައެއް ނުވެ އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދިނުމަށް ވެސް މާލޭގެ މޭޔަރު ޑރ. މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު އެދިވަޑައިގެންފަ އެވެ. އެކަމަކު އެކަން އަދި ތަންފީޒުކޮށްފައެއް ނުވެ އެވެ.
މާލެ ތެރޭގައި ހިންގާ ވޯކްޝޮޕް ތަކާއި ގަރާޖުތައް މާލޭގެ ސިނާއީ ސަރަހައްދަށް ބަދަލުކޮށް އެ ސަރަހައްދު ތަރައްގީކުރަން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް ސަރުކާރުން މިހާރު ވަނީ ސިނާއީ ސަރަހައްދަކީ ސިޓީ ކައުންސިލްގެ ބާރު ހިނގާ ބިމެއް ނޫން ކަމަށް ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފަ އެވެ.