ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ކޮވިޑް ކޭސްތައް އިތުރުވެ ސްރީލަންކާ ލޮކްޑައުނަށް

ސްރީލަންކާގައި ކޮވިޑް-19 އިގެ ކޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުން މުޅި ގައުމު ލޮކްޑައުނަކަށް ދާން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިރޭ ފަށާ ފުލް ލޮކްޑައުނަކީ 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ ލޮކްޑައުނެކެވެ. ލޮކްޑައުނަށް އަމަލު ކުރަން ހަމަޖެހިފައި ވަނީ މިރޭ 10:00 އިން ފަށައިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. މި ލޮކްޑައުން އިއުލާން ކުރުމުގެ ކުރިން ވެސް ލަންކާގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އޅާފަ އެވެ. އެގޮތުން ގިނަ ސްކޫލްތައް، ޖިމްތައް އަދި ޕަބްލިކް ސްވިމިންގް ޕޫލުތައް ވަނީ ބަންދު ކޮށްފަ އެވެ. އަދި ކައިވެނި ޕާޓީތަކާއި ޝޯތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފަށައިގެން ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގަ އެވެ.

ކުރިން އެޅިފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާތަކެއް ނުކުމެފައި ނުވުމުގެ ސަބަބުން ލަންކާގެ ގިނަ ސިޔާސީ އިސްބޭފުޅުންނާއި ގައުމުގެ ލީޑަރުން ވަނީ ލޮކްޑައުން ކުރަން ގޮވާލާފަ އެވެ. ލަންކާގެ ހޮސްޕިޓަލްތަކުގައި ކޮވިޑް ބަލީގެ މީހުން ތޮއްޖެހިފައިވާއިރު އެ ގައުމުގައި މިހާރު ހަލުއިކޮށް ފެތުރެނީ ޑެލްޓާ ވޭރިއަންޓެވެ.

މިދިޔަ ބުދަ ދުވަހަކީ މިހާތަނަށް ލަންކާގައި ކޮވިޑާ ގުޅިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެދުވަހު ވަނީ އެ ގައުމުން 187 މީހުން އެ ބަލީގައި މަރުވެފަ އެވެ. އަދި އެދުވަހު 3793 ކޮވިޑް ކޭސް ރިކޯޑު ކުރި އެވެ. އަދި އޭގެ ކުރީ މަހު ވަނީ ކުރިއާ ބަލާ ލަންކާގައި ކޮވިޑް ފެތުރޭ ރޭޓު ދެގުނަ ވެފަ އެވެ. އަދި އެވެރޭޖް ގޮތެއްގައި 3897 މީހުން ޕޮޒިޓިވް ވާކަމަށް ރިކޯޑުތަކުން ދައްކަ އެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކޮށް އަދި ދިރިއުޅެމުން ވެސް އަންނަ ގައުމެކެވެ. މިހާރު އެ ގައުމުގައި 16،000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެ އެވެ.