ދުނިޔެ

ބުޅާތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

Nov 24, 2015
1

ބެލްޖިއަމްގެ ބްރަސެލްސްގައި ޕެރިސް ހަމަލާއާއި ގުޅުންހުރި ފަރާތްތަށް ހޯދަން ސަލަމަތީ ބާރުތަކުން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުން ދިޔައިރު، ސޯޝަލް މީޑިޔާ މެދުވެރިކޮށް ފުލުހުންގެ ހަރަކާތްތަކުގެ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދުނެވެ.

ބެލްޖިއަމްގެ އާންމުން މި އެދުމަށް އިޖާބަދިނީ ތަފާތު ގޮތަކަށެވެ. ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނާ ގުޅުވައިގެން އެކި ގޮތްގޮތަށް ނަގާފައިވާ ބުޅަލުގެ ފޮޓޯތައް މަޖާ ގޮތްގޮތަށް ޝެއާ ކޮށްގެންނެވެ.

ޓެރަރިސްޓު ޖަމާއަތްތަކުން މައުލޫމާތު ފެތުރުމަށާއި މައުލޫމާތު އެއްކުރުމަށް ސޯޝަލް މީޑިއާ ވެސް ބޭނުންކުރެއެވެ. ބްރަސެލްސްގެ އޮޕަރޭޝަނާ ގުޅޭ ޓްވީޓްތަކުގައި ބޭނުންކުރި ހޭޝް ޓެގަކީ "ބްރަސެލްސްލޮކްޑައުން" އެވެ. މި ހޭޝް ޓެގުގެ ދަށުން މުހިންމު މައުލޫމާތުތައް ހިއްސާކޮށް ހަނގުރާމަވެރިންނާ ހަމައަށް ގޮސްދާނެތީ ބެލްޖިއަމް މީހުން ނިންމީ މި ހޭޝްޓެގް ބަލާ މީހަކަށް މުހިންމު މައުލޫމާތެއް ނުފެންނަ ވަރަށް ސަމާސާ ޕޯސްޓުތައް ގިނަ ކޮށްލާށެވެ.

ބްރަސެލްސްލޮކްޑައުން ފުރި ބަންޑުން ވަންދެން އޮތީ ބުޅަލުގެ ފޮޓޯއާއި ވީޑިއޯ އެވެ. ބުޅަލެއް ފިލާ އިންނަ ފޮޓޯއެކެވެ. ބުޅަލަކަށް ސަވާރުވެގެން ފުލުހުން ޓެރަރިސްޓުން ހޯދަން ދުއްވާ މަންޒަރެވެ. ސްނައިޕަރެއް ހިފައިގެން ތިބޭ ބުޅަލާއި ފުލުހުންނަށް އަމާންދީގެން ތިބޭ ބުޅަލެވެ. އަދި ކުއްތާއަކަށް ވެގެން ތިބޭ ބުޅަލާއި ފޮއްޓަކަށް އެރި ބޮނދައިގެން ތިބޭ ޓެރަރިސްޓު ބުޅަލެވެ.

މި އޮޕަރޭޝަންތައް ނިމުނު އިރު ފުލުހުން ވަނީ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 16 މީހަކު ހައްޔަރު ކޮށްފައެވެ.

ހަމަލާތަކުގެ އެންމެ އިސް އާރުކާޓީ ކަމަށް ބެލެވޭ ސަލާހު އަބްދުއްސަލާމް އަދި ހޯދިފައި ނުވިޔަސް، އާންމުންގެ ފަރާތުން ފުލުހުންނަށް ލިބުނު އހީތެރިކަމަށް ބެލްޖިއަމް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޓްވިޓާގައި ފުލުހުން ވެސް ޝުކުރު އަދާކުރީ ސަމާސާ ގޮތަކަށެވެ. ބުޅަލަށް ކާންދޭން އަޅާފައިވާ ފޮޓޯ އަކާއެކު ފުލުހުން ކުރި ޓްވީޓްގައި ބުނެފައިވަނީ އޮޕްރޭޝަންގައި އެހީތެރިވެދިން ހުރިހާ ބުޅަލެއް، ކެއުމާއިގެން ކުރިއަށް ދިއުމަށެވެ. - ބީބީސީ