މެލޭޝިއާ އަށް އާ ބޮޑުވަޒީރެއް ރަސްގެފާން ހަމަޖައްސަަވައިފި އެވެ. ރަސްގެފާން، ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް ބޮޑުވަޒީރުކަން ހަވާލު ކުރައްވާފައި ވަނީ އިސްމާއީލް ސަބްރީ ޔައުގޫބް އަށެވެ.
މެލޭޝިއާއަށް ބޮޑުވަޒީރެއް ކަނޑައަޅުއްވާފައި މިވަނީ ކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުހްޔިއްދީން އިސްތިއުފާ ދެއްވީ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިވަޑައިތަމުންނެވެ. އިސްމާއީލް ސަބްރީ ޔައުގޫބް ކުރިން ހުންނެވީ މުހްޔިއްދީންގެ ނައިބުގެ މަގާމުގަ އެވެ.
އިސްމާއީލް ސަބްރީ ޔައުގޫބް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާއިރު މެލޭޝިއާގެ އިގްތިސޯދު އޮތީ ލޮޅުން އަރާފަ އެވެ. މެލޭޝިއާއަށް ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކުން އަރައި ނުގަނެވި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުން ތިބީ ސަރުކާރު ދެކެ ފޫހިވެ ހުރިހާ ކަމެއް ވަރިހަމަވެފަ އެވެ.
މެލޭޝިއާގައި ރަސްގެފާނަކީ ޝަރަފުވެރި ބޭފުޅެެއް ނަމަވެސް އެއީ ރަމްޒީ މަގާމެކެވެ. ބޮޑުވަޒީރެއް ކަނޑައެޅުވުމަށް ގާނޫނީ ގޮތުން ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް ސަރުކާރު ހިންގުމުގައި މާބޮޑު ދައުރެއް ނޯވެ އެވެ. ސަރުކާރުގެ އިސްވެރިއަކީ ބޮޑުވަޒީރެވެ.
ރަސްގެފާން ބޮޑުވަޒީރެއް ކަނޑައެޅުއްވުމުގައި ބައްލަވަނީ މަޖިލީހުގެ އަޣުލަބިއްޔަތަށެވެ. އެގޮތުން އަޣުލަބިއްޔަތު އޮންނަ ބޭފުޅަކު ބޮޑުވަޒީރުކަން ކުރެއްވުމަށް ދައުވަތު ދެއްވަ އެވެ.
އިސްމާއީލް ސަބްރީ އަށް ބޮޑުވަޒީރުކަން ހަވާލު ކުރައްވާފައި ވަނީ ގާނޫން ހަދާ މަޖިލީހުގެ 114 މެމްބަރުންގެ ތާއިދު ލިބިވަޑައިގަތުމުންނެވެ. އެ މަޖިލީހުގައި ހިމެނެނީ 222 މެމްބަރުންނެވެ. ސަބްރީ 61، ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިންގެން ހުވާ ކުރައްވާނީ މާދަމާ އެވެ.
މެލޭޝިއާއަށް އާ ބޮޑުވަޒީރެއް ހަމަޖެހިގެން އަންނައިރު ކޮވިޑާ ގުޅިގެން އުފެދިފައި އޮތް ނުތަނަވަސްކަން އަދިވެސް އޮތީ އެވެ. ސިއްހީ އިދާރާތަކުން ރައްޔިތުންނަށް އަޅާލަންވާ ވަރަށް އަޅާއިނުލުމުގެ ޝަކުވާތައް ވެސް އެހައި ގިނަ އެވެ.
އިސްމާއީލް ސަބްރީ ބޮޑުވަޒީރުގެ ނައިބު ކަމުގައި ހުންނަވަނިކޮށް ގައުމުގައި ހުފެދިފައި ހުރި ހަމަނުޖެހުންތައް ހުރި ގޮތަށް ހުއްޓައި ބޮޑުވަޒީރުކަމަށް ވަޑައިގަތުން ދެން ކަންތައް ވާނެ ގޮތަކާ މެދު ރައްޔިތުންގެ މެދުގައި ސުވާލު ގިނަ އެވެ.