ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިންޑިއާގެ އިންޑިގޯ ފްލައިޓް ހުއްޓުވައިފި އެވެ. ޔޫއޭއީން ބުނީ އޮގަސްޓް 24 ގެ ނިޔަލަށް އިންޑިގޯ ފްލައިޓްތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.
އިންޑިއާގެ އިންޑިގޯ އެއާލައިނާ ދެކޮޅަށް ޔޫއޭއީ އިން މިފަދަ ފިޔަވަޅެއް އެޅީ ކޮވިޑާ ގުޅިގެން އެ ގައުމުގައި އަޅާފައި ހުރި ފިޔަވަޅުތަކަށް އިހުތިރާމް ކުޑަ ކުރުމުންނެވެ. އިންޑިގޯއިން ޕީސީއާރު ޓެސްޓް ނުހަދާ ދަތުރުވެރިން އުފުލާފައިވާ ކަމަށް ޔޫއޭއީން ބުނެ އެވެ.
އިންޑިގޯއިން ވެސް ވަނީ އެއީ ހިނގައިގެން އުޅޭ ކަމެއްކަން ކަށަވަރު ކޮށްދީފަ އެވެ. އިންޑިގޯ އިން ޓްވީޓާގައި ބުނެފައި ވަނީ ވަގުތީ މަސްލަހަތަށް ޓަކައި އިންޑިގޯ ޔޫއޭއީ ފްލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އިންޑިގޯ އިން ބުނީ ދަތުރުތައް ކެންސަލްވުމާ ގުޅިގެން ބަދަލު ބޭނުންވާ މީހުނަށް ބަދަލު ދެވޭނެ ކަމަށާއި އެނޫން ގޮތެއް އިހުތިޔާރު ކުރާ ނަމަ އަދި އެއަށްވުރެ ރަނގަޅު ގޮތެއް މެނޭޖްމަންޓުން ހަމަޖައްސައި ދޭނެ ކަމަށެވެ.
ޔޫއޭއީގައި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމަށް އެތެރެވާ ކޮންމެ ދަރުތުވެރިއަކު 48 ގަޑިއިރު ނުވާ އާރުޓީ - ޕީސީއާރު ޓެސްޓް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ. އަދި އެއިން ކޮންމެ ރިޕޯޓެއްގައި ސައްހަކަން ކަށަވަރުކޮށް ދޭ ކިޔުއާރު ކޯޑެއް އިންނަނަ ޖެހެ އެވެ.
އޮގަސްޓް 5 ގައި އަމަލު ކުރަން ފެށި މި އާ އުސޫލުގެ ދަށުން ޔޫއޭއީއަށް ވަކި ބައްރުތަކަކުން ދަތުރުކުރާ މީހުނަށް ފިޔަވަޅުތައް ހަރުކަށިކޮށްފައި އޮތްއިރު ދަތުރުކުރުން ތަންކޮޅެއް ފަސޭހަ ގައުމުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއާޕޯޓް އޮފިޝަލުން ވިދާޅުވާ ގޮތުން ގަވައިދަށް އަމަލުކުރާ ނަމަ ޔޫއޭއީ އަކީ ފަސޭހަ ގައުމަކަށް ވާނެ ކަމަށެވެ.