ދުނިޔެ

ޕޫޓިންއާ އެންޖެލާ މާކެލް މޮސްކޯގައި ބައްދަލުކުރައްވައިފި

މިއަހަރު ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޖަރުމަނުގެ ޗާންސެލާ، އެންޖެލާ މާކެލް ދުނިޔޭގެ ބާރުތަކުގެ ވެރިންނާ ބައްދަލު ކުރައްވަން ވަނީ ފައްޓަވާފަ އެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވައި ސިޔާސީ ހަޔާތުގައި ތަޖުރިބާ ކުރެއްވި އަޑިގުޑަންތަކަށް މާކެލް ވަނީ އަލިއަޅުއްވާ ލައްވައި ހަނދާންތައް އާ ކުރައްވާފަ އެވެ.

މީޑިއާގެ ބިތްދޮށުގައި ވަރަށް ގާތް ގުޅުމެއް އޮންނަ މި ދެ ބޭފުޅުންނަކީ ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ތަޖުރިބާ ގިނަ ދެ ބޭފުޅުންނެވެ.

ޕޫޓިން ވިދާޅުވީ ޖަރުމަނަކީ އިގުތިސޯދީ ގޮތުން ރަޝިއާއަށް މުހިންމު ބައިވެރިއެއް ކަމަށާއި ދެ ގައުމުގެ ގުޅުމަށް ކުޑައިކޮށް ލޮޅުން އެރި ނަމަވެސް އެއްވާނެއްގައި ގުޅުން ދެމެހެއްޓުމަށް މާކެލް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

މާކެލްގެ ދަތުރަކީ ހަމައެކަނި ވަދާއީ ދަތުރުފުޅަކަށް ނުވާނެ ކަމަށާއި ދައްކަން ހުރި ވާހަކަތަކަށް މި ދަތުރުން ކޮންމެވެސް ވަރަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ މައިދާން ދޫކޮށްލެއްވުމަށް މާކެލް ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށާއި އެކަމަކު ގުޅުން ދެމި އޮންނާނެ ކަމަށެވެ.

އެންޖެލާ މާކެލް ވެސް މި ބައްދަލުވުމުގައި ޖަރުމަނުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޕޫޓިންއާ ހިއްސާ ކުރެއްވި އެވެ. ވިދާޅުވީ ރަޝިއާއާ ޖަރުމަނާ ޚިޔާލުތަފާތުވާ ކަންތައްތަކެއް ހުރި ނަމަވެސް އެއް މޭޒުދޮށުގައި މަޝްވަރާ ކޮށްލަން ފުރުސަތު އޮންނާތީ އުފާ ކުރައްވާ ކަމަށެވެ.

މާކެލް ވިދާޅުވި ގޮތުން މަޝްވަރާއާ ނުލައި ކުރިއެރުމެން ނޯންނާނެ އެވެ. ކިތަންމެ ކުޑަކަމެއްގައި އަދި ބޮޑު ކަމެއްގައި ވެސް މަޝްވަރާކުރެވެން ޖެހޭނެ އެވެ.

ދުނިޔޭގެ މަސްލަހަތައްޓާކާ ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގައި ވެސް މަޝްވަރާކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މާކެލް ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ލީބިޔާ އާއި އަފްޣާން މައްސަލަ ކަމަށެވެ.