ދުނިޔެ

ރަޝިއާގެ ތާއީދު ނެތި ޔޫރަޕްގައި ސުލްހަ ގާއިމުނުވާނެ: މާކެލް

ޔޫރަޕްގައި ސުލްވަރި ދައުލަތްތަކެއް ދާއިމަށް ގާއިމުވުމަށް ރަޝިއާގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ރަޝިއާއަށް އެއްވެސް ހައިސިއްޔަތެއް ނެތް ގޮތުގައި އެކަހެރިކޮށް ބާކީކުރަން ހަދައިގެން ޔޫރަޕަށް ލިބޭނީ ބޮޑު ލަނޑެއް ކަމަށް ވެސް މާކެލް ވިދާޅުވި އެވެ.

އެންޖެލާ މާކެލް އަކީ ޖަރުމަނުގައި ވަރަށް ގިނަ ދުވަހު ވެރިކަން ކުރެއްވި ކަނބަލެކެވެ. ޖަރުމަނުގެ ޗާންސެލަރުގެ މަގާމުގައި 2000-2021 އަށް އެެކަމަނާ ދެމި ހުންނެވި އެވެ.

މާކެލް ވިދާޅުވި ގޮތުގައި ފިނި ހަނގުރާމަ އަދި ވެސް ނުނިމެ އެވެ. އޭގެ ބާވަތްތައް ދުނިޔޭގައި، ގައުމުތަކުން ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ވެރިކަން ކުރެއްވީ ދުނިޔެ ހަމަނުޖެހުން އުފައްދާނެ ކަމަށް ވިސްނުމުގައި ބާއްވައިގެންނެވެ. އެކި މިޒާޖުގެ މީހުންނާ މުއާމަލާތްކުރެއްވީ ސުލްހައަށް އެދިވަޑައިގަންވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔެއިން ފިނި ހަނގުރާމަ ނިމިގެން ދާނީ މަޝްވަރާތަކުގައި ރަޝިއާ ބައިވެރިކުރުން ގިނަކޮށްގެން ކަމަށްވެސް މާކެލް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަކީ ދުނިޔެ ނުއަތަށް ޖަހާނެ ހަނގުރާމައެއް ކަމަށްވެސް މާކެލް ގަބޫލުކުރައްވަ އެވެ. ހަނގުރާމައާ މެދު ވަރަށް ސީރިއަސްކޮށް ވިސްނެވުމަށް ޕޫޓިންއަށް ދަންނަވާ ކަމަށްވެސް މާކެލް ވިދާޅުވި އެވެ.

އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި ދުނިޔޭގައި ހަނގުރާމައެއް ނުހިނގައި އޮތީ ވަރަށް ގިނަ މަސައްކަތުން އަދި ދަތި މަޝްވަރާތަކެއްގެ ސަބަބުންނެވެ. ދޫދިނުމާއި ގޮތްދޫކުރުމަކީ ދަތި ކަމެއް ނަމަވެސް ސުލްހަ ދެމެހެއްޓުމުގެ އަސާސަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.