ދުނިޔެ

އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓާކާ ކާލްސަންއަށް ޔޫރަޕުން ދަތިކުރަނީ

އެމެރިކާގެ ނޫސްވެރިޔާ ޓަކާ ކާލްސަން އަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ގައުމަކަށް ނޭރޭ ގޮތް ހަދަނީ އެވެ.

ނިއުސްމީކުން ބުނި ގޮތުން ޓަކާ ކާލްސަން އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ޔޫރަޕަށް ނޭރޭ ގޮތް ހަދަނީ އޭނާ އަމިއްލައަށް ދަތުރެއްކޮށް ރަޝިއާއަށް ގޮސް އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންއާ އިންޓަވިއުކުރި މައްސަލާގައި ކަމަށެވެ.

އެމެރިކާއާ ޔޫރަޕުން ދެކޭ ގޮތުގައި ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކަށް ޒިންމާވާން ޖެހޭނީ ޕޫޓިން ކަމަށް އެމެރިކާ އަދި ޔޫރަޕުން ވެސް ގަބޫލުކުރެ އެވެ.

ޓަކާ ކާލްސަން ކުރިން މަސައްކަތްކުރީ ފޮކްސް ނިއުސްގަ އެވެ. ޖެހުނު މައްސަލައެއްގައި ފޮކްސްއާ ދުރަށް ގޮސް މިހާރު އޭނާގެ މަސައްކަތަކީ އަމިއްލައަށް ކޮންޓެންޓްސް އުފެއްދުމެވެ.

ކާލްސަންގެ އިންޓަވިއުތައް އާންމު ގޮތެއްގައި މިހާރު އަމާޒުކުރަނީ ދުނިޔޭގެ ނުފޫޒުގަދަ ޝަޚްސިއްޔަތުތަކާ އެވެ. އެ ދުވަސްވަރެއްގައި ދުނިޔޭގެ މަޝްރަހު އޮންނަ ގޮތް ބަލައި ވަކި ދިމާއަކަށް އިންޓަވިއުތައް އަމާޒުކުރުމަކީ ވެސް އޭނާގެ ޝައުގެކެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އިންޓަވިއުކުރުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ކާލްސަންއަށް ލިބޭނެ ކަމަކަށް ވާތީ މިކަން އޭނާ ކުރީ އެވެ. އިންޓަވިއު ކުރުމުން ދިމާވެދާނެ އެދެވޭ އަދި ނޭދެވޭ ހުރިހާ ކަމެއް އޭނާއަށް ރަނގަޅަށް އެނގޭނެ އެވެ.

ކާލްސަންގެ މަޝްހޫރު އިންޓަވިއުތައް ޕޯސްޓްކުރަނީ އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އެކްސް (ޓްވިޓާ) ގަ އެވެ. ކާލްސަންގެ ކޮންމެ ފަދަ އިންޓަވިއުއެއް އެކްސްގައި ޕޯސްޓްކުރި ނަމަވެސް ސެންސަރު ނުކުރާނެކަން އޭނާއަށް އެނގެ އެވެ. އަދި އޭނާ ވަނީ މިހެން ބުނަން ވެސް ބުނެފަ އެވެ.

ޔޫރަޕަށް ވަނުން ކާލްސަންއަށް ބަންދުކޮށްފި ނަމަ އެއާ ގުޅިގެން ފުރުސަތުތަކެއް އޭނާއަށް ހުޅުވޭނެ އެވެ. ޕޫޓިންއާ އެއްކޮޅަށް އެރުމަކީ ދުނިޔޭގައި މިހާރު އޮތް ސިޔާސީ ވާދަވެރިކަމުގައި ބާރުގަދަ ކޮޅެއް ހަދިޔާއަކަށް ލިބޭނެ ކަމެކެވެ.

އެމެރިކާއާ ޔޫރަޕުން ކާލްސަންއާ ޖައްސާލައި ދަތިކުރުމުގެ ފިޔަވަޅުއަޅައި ނަމަ، ރަޝިއާގެ ރައްޔިތުކަން ވެސް ކާލްސަންއަށް އޮތީ ހުޅުވިފަ އެވެ. މިގޮތަށް ކަންތައް ހިނގައިފި ނަމަ އޭނާ ދެން އުފައްދާ އިންޓަވިއުތަކުން އެމެރިކާއާ ޔޫރަޕު ބޭޒާރުވާނެ އެވެ.

ޓަކާ ކާލްސަން އަކީ ނުފޫޒުގަދަ ލީޑަރުންގެ ފޭވަރިޓެކެވެ. މިހެންކަމުން އޭނާއަށް ކިތަންމެ ގައުމަކުން މަރުހަބާ ކިޔައިން އޭނާގެ އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭނެ އެވެ.