ދުނިޔެ

ރަޝިއާގެ އިދިކޮޅު ލީޑަރަށް އިތުރު 19 އަހަރުގެ ޖަލު ހުކުމެއް

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް އިތުރު 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އޭނާއަށް ހުކުމްކުރުން އޮތީ ވެރިރަށް މޮސްކޯއިން ބޭރުގައި -- އާންމުންނަށް ގޮސް އައިސް ނޫޅެވޭހާ ދުރުގައި ހުންނަ އަސްކަރީ ކޯޓެއްގަ އެވެ.

ނަވާލްނީއަށް ހުކުމްކުރީވެސް އެއްވެސް ބަޔަކު ނުވައްދައި، އޭނާގެ އާއިލާއާށް އަދި ލޯބިވާ މީހަކަށްވެސް އެ މަންޒަރު ނުފެންނަ ގޮތަށެވެ.

ނަވާލްނީ މިހާރު ވެސް 11.5 އަހަރު ޖަލު ހުކުމެއް އެބަ އޮތެވެ. އޭނާ މިހާރު ވެސް ހުރީ ޖަލު ބަންދުގަ އެވެ.

ނަވާލްނީއަށް ހުކުމްކުރުމާ އެކު ހުޅަނގުން ވަނީ އުތުރިއަރައިގެންފަ އެވެ. ރަޝިއާގެ ބަންދު އަސްކަރީ ކޯޓަކުން އޭނާގެ މައްޗަށް ކުރި ހުކުމްތައް ބާތިލްކުރަން ޔޫރަޕާއި އެމެރިކާއިން ވެސް ވަނީ ގޮވާލާފަ އެވެ.

އެލެކްސީ ނަވާލްނީއަށް އޮގަސްޓް 20، 2020 ގައި ސައިބިރިއާގައި ވިހަ ދިނުމާ ގުޅިގެން އަވަސް ފަރުވާދިނުމަށް އޭނާ ގެންދިޔައީ ޖަރުމަނަށެވެ. އެއަށް ފަހު 2021 ގައި އޭނާ އެނބުރި ރަޝިއާއަށް ދިއުމުން 30 ދުވަހަށް ޖަލުގައި ބަންދުކުރި އެވެ.

ނަވާލްނީ ހައްޔަރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލައި މޮސްކޯ މަގުތަކަށް މީހުން ނުކުމެ ވަނީ ޕޮލިސް ސަފުތައް ފޫއަޅުވާލާފަ އެވެ.

ދުނިޔެއަށް އެއިރު ފެތުރިފައި އޮތް ކޮވިޑް ހާލަތަށް ނުފެތޭ ގޮތަށް ގައިދުރު ކަމެއް ނެތި އެއްވެ ނޫޅުމަށް ފުލުހުން ދިން ނަސޭހަތް ގަބޫލު ނުކުރުމުގެ ސަބަބުން 4،000 އަށް ވުރެ ގިނަ މީހުން އެ ހަމަނުޖެހުންތަކުގައި ފުލުހުން ހައްޔަރުކުރި އެވެ.

ރަޝިއާގެ މަގުތަކަށް އާންމުން ނުކުތުމަށް ގޮވާލާއި އަދި އާންމުންގެ މެދުގައި ސަރުކާރަށް ނަފުރަތު އުފެދޭ ގޮތަށް ނަވާލްނީ އަމަލުކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

އެއަށް ފަހު ނަވާލްނީއާ ގުޅިފައި ހުރި ވިޔާފާރިން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ނުދެއްކުމާއި ވިޔަފާރީގެ މުއާމަލާތްތަކަށް މަކަރާއި ހީލަތްތެރިވުމުގެ ކުށުގައި އިތުރު ޖަހު ހުކުމްތަކެއް އޭނާއަށް އިއްވި އެވެ.

ރަޝިއާގެ އަސްކަރީ ކޯޓަކުން ނަވާލްނީއަށް އިތުރު 19 އަހަރުގެ ހުކުމެއް އިއްވިިއިރު ވެސް އޭނާ ހުރީ ޖަލުގަ އެވެ. އަދި މި ހުކުމާ އެކު އޭނާ ޖަލުން މިނިވަންވެގެން ސިޔާސީ މައިދާނަށް ނުކުމެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ.