ދުނިޔެ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ނިޔާވެއްޖެ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވީ ކޮން ސަބަބަކާ ހެދި ކަމެއް އަދި އާންމެއް ނުކުރެ އެވެ. އިދާރާތަކުން ބުނާ ގޮތުން ސަބަބު ހޯދައި ބަޔާންކުރާނެ އެވެ.

ޖަލު ބަލަހައްޓާ އިދާރާއިން ބުނާ ގޮތުން ނަވަލްނީ މިފަހުން އުޅުނީ ކޮންމެވެސް ވަރަކަށް ބަލިކޮށެވެ. މިއަދުގެ ވަގުތެއްގައި ހިނގާލަން ނުކުމެ އުޅެނިކޮށް ހަބަރު ހުސްވެގެން ވެއްޓި މަރުވީ އެވެ.

ނަވަލްނީއަށް ދޭން ޖެހޭ ހުރިހާ ފަރުވާއެއް -- ޖަލުގައި އޮންނަ އުސޫލުން ދީފައި ވާނެ ކަމަށް ޖަލު ބަލަހައްޓާ އިދާރާއިން ބުންޏެވެ. އޭނާ މަރާ ބެހޭ ގޮތުން ތަފްސީލް ރިޕޯޓެއް އާންމުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ނަވަލްނީ މަރުވީ ކޮން ސަބަބަކާ ހުރެތޯ ބެލުމަކީ ޑޮކްޓަރުންނަށް އޮތް ކަމެވެ. އޭނާގެ މަރާ ބެހޭ ގޮތުން ރައީސް ލަޑިމިއާ ޕޫޓިންއަށް އަންގަވާފައި ވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޕެސްކޯފް އަދި ވިދާޅުވީ އިދާރާތަކުން ބަލަމުން ގެންދާ މައްސަލައެއްގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ. ނަމަވެސް އިދާރާއަކުން އާންމުކުރާ ރިޕޯޓަކާ ގުޅޭ ގޮތުން ސަރުކާރުން ބަހެއް އާންމުކުރަން ޖެހޭ ހާލުގައި އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލެކްސީ ނަވަލްނީއަށް ޖަލުގައި ތަފާތުކުރުމަށް ސަރުކާރުން އަމުރުކޮށްފައި ނުވާނެ ކަމަށެވެ. ޖަލުގައި ހުންނަ ކެއިންބުއިމާއި ބޭސް ފަރުވާ އަކީ ވަކި މީހަކަށް ޚާއްސަކޮށްފައި ހުންނަ ވަސީލަތްތައް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެލެކްސީ ނަވަލްނީ، 47، ނަވާރަ އަހަރަށް ޖަލަށް ލުމަށް ރަޝިއާގެ ކޯޓުން ހުކުމްކުރީ 2021 އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ސައިބޭރިއާގައި އުޅެނިކޮށް އޭނާއަށް ވިހަ ކާންދިނުމާ ގުޅިގެން ފަރުވާ ހޯދުމަށްފަހު ޖަރުމަނުން އެނބުރި ރަޝިއާއަށް އައި ތަނުން -- އެއާޕޯޓުންނެވެ.

ނަވަލްނީ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ރަޝިއާގައި ހަމަނުޖެހުން އުފައްދައި ބައިބައިކުރަން މަސައްކަތްކުރުން ހިމެނެ އެވެ. އަދި އޭނާގެ މައްޗަށް އޮތް ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންވެސް ވަނީ ޝަރީއަތްކޮށްފަ އެވެ.

ނަވަލްނީ އަކީ ރަޝިއާގެ ރައީސް ޕޫޓިންއަށް ވަރަށް ފާޅުކަން ބޮޑު ގޮތުގައި ފާޑުކިޔައި ސޯޝަލް މީޑިއާގައި ޝާއިއުކުރާ މީހެކެވެ. ނަވަލްނީ ދެކެނީ ޕޫޓިން އަކީ ސިޔާސީ ވާދަވެރިއަކަށް ވުރެ ޖާނީ ދުޝްމަނެއް ގޮތުގަ އެވެ.