ދުނިޔެ

ނަވާލްނީގެ ހުވަފަތް އަނބިކަނބަލުން ހައްޔަރުކުރަން މޮސްކޯ ކޯޓު އަމުރެއް

ރަޝީއާގެ އަވަހާރަވެފައިވާ އިދިކޮޅު ލީޑަރު އެލަކްސީ ނަވާލްނީގެ އުވަފަތް އަނބިކަނބަލުން، ޔޫލިއާ ނަވާލްނީ ހައްޔަރުކުރަން މޮސްކޯ ކޯޓަކުން އަމުރެއް ނެރެފި އެވެ.

ޔޫލިއާގެ މައްޗަށް މި އަމުރު ނެރުނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އޭނާ މިހާރު އުޅުއްވަނީ ކޮން ތަނެއްގައިކަން ކޯޓުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ އޭނާ މިހާރު މޮސްކޯގައި ނެތް ކަމަށެވެ.

ޔޫލިއާގެ މައްޗަށް ކޯޓުން ތުހުމަތުކުރަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ގުޅިގެން އަމަން ނަގާލައި ދައުލަތަށް ބިރުދައްކަން ހަރަކާތްތަކެއް ހިންގާ ކަމަށެވެ.

އެލަކްސީ ނަވާލްނީ ބޮޑެތި ކުށްވެރިންނަށް ހާއްސަ ޖަލެއްގައި އަވަހާރަވުމާ ގުޅިގެން އޭނާގެ އަނބިކަބަލުން ވަނީ ފިރިކަލުން ކުރެއްވި މަސައްކަތްތަކުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ނަވާލްނީ ކުރެއްވި ކަމަކީ ރަޝިއާގައި އޮތް ރައީސް ޕޫޓިންގެ ވެރިކަން ވައްޓާލުމަށް މުޅި ގައުމުގައި މުޒާހަރާކުރުމެވެ.

ސަރުކާރަށް ޕްރެޝަރުކުރުމަށް އާންމު އެއްކޮށް ދޮގު ހަބަރު ފަތުރައި އަދި ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމުގެ ތުހުމަތުވެސް އެލެކްސީ ނަވާލްނީއަށް އޮތެވެ.

މޮސްކޯ ކޯޓުން ނެރުނު މި އަމުރާ ގުޅިގެން އެކްސްގައި މެސެޖު ކުރައްވައި ޔޫލިއާ ވިދާޅުވީ ކޯޓު އަމުރު ހަނދާން ނައްތާލާފައި އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް އާންމުން އޭނާއަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.

ރަޝިއާގެ ރައީސް ޕޫޓިން ހިފާ ހައްޔަރުކޮށް އަދި އޭނާއަށް ޝަރީއަތްކުރުމަށް އެހީތެރިވުމަށް އަމަން ބަލަހައްޓާ މުއައްސަސާތަކަށް ވެސް ޔޫލިއާ ގޮވާލެއްވި އެވެ.

ޔޫލިއާ ވިދާޅުވި ގޮތުގައި ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އޭނާއަށް ހާއްސަ ތަނަކީ ޖަލު ކަމަށާއި އޭނާ ޖަލަށް ލެވެންދެން މަސައްކަތް ހުއްޓާނުލައްވާނެ ކަމަށްވެސް ޔޫލިއާ ވިދާޅުވި އެވެ.

އެލަކްސީ ނަވާލްނީ ޖަލުގައި އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއިން ތުހުމަތުކުރަނީ ޖަލުގައި މަރާލީ ކަމަށެވެ. އަދި އެއީވެސް ޕޫޓިންގެ ސީދާ އަމުރަށް ޖަލު ބަލަހައްޓާ އޮފިސަރުން ކުރި ކަމެއް ކަމަށް ނަވާލްނީގެ އާއިލާއިން ތުހުމަތުކުރެ އެވެ.