ރައީސް މައުމޫން އަބްދުލްގައްޔޫމް

"ހަމީދަކީ ގައުމަށް ގެއްލުނު ޖަވާހިރެއް"

Nov 24, 2015

ނިޝާން އިއްޒުންދީންގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ހަމީދު އަވަހާރަވުމަކީ އިޖުތިމާއީ، އިދާރީ އަދި ސިޔާސީ ދާއިރާ އަށް ލިބުނު ގެއްލުމެއް ކަމަށާއި އެއީ ދިވެހި ގައުމަށް ގެއްލުނު ޖަވާހިރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހަމީދުގެ ހަނދާނުގައި ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ރައީސް މައުމޫން އަދި ހަމީދުގެ ބޭބޭފުޅު ވިދާޅުވީ ހަމީދުގެ ޚިދުމަތްތައް ބަޔާންކުރެވޭ ވަރަށް ވުރެ މާގިނަ ކަމަށާއި އެމަނިކުފާނު ކޮށް ދެއްވާފައިވާ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް އަޅުގަނޑުމެންނަށް ހަނދާނަށް ގެނެސް ދުލުން ބަޔާން ނުކުރެވޭނެ ކަމަށާއި ހަމީދުގެ ޝަހުއްސިއްޔަތުގެ ތަޅުދަނޑިއަކީ ހަވާލުވާކޮންމެ ކަމެއް ވީއެންމެ އިހުލާސްތެރިކަމާއެކު ވީއެންމެ ރަނގަޅަކަށް ކުރެއްވުން ކަމަށެވެ.

"ހަމީދުގެ ސާބިތުކަމަކީ އެއްވެސް ހެއްކެއް ބޭނުންވާނެ ކަމެއް ނޫން. އަބްދުﷲ ހަމީދަކީ ދިވެހި ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް. އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު ހޭދަކުރި ނަމަވެސް އެމަނިކުފާނު ކޮށް ދެއްވާފައިވާ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް އަޅުގަނޑުމެންނަށް ހަނދާނަށް ނުގެނެވޭ ނުވަތަ ދުލުން ބަޔާން ނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް އެމަނިކުފާނަކީ،" މައުމޫން ވިދާޅުވި އެވެ. "ހުރިހާ މާތް ސިފަތަކެއް ވެސް އެމަނިކުފާނު ގެންގުޅުއްވީ ކުރިން މިދެންނެވި ކަންތައް ހާސިލް ކުރެއްވުމަށްޓަކައި. އެއީ ހަވާލުވެ ވަޑައިގެންނެވި ކޮންމެ ކަމެއް. ކުރައްވަން ފެށްޓެވި ކޮންމެ ކަމެއް ކުރަން އޮތް އެންމެ މޮޅަކަށް ކުރެއްވުމުގެ ވަރުގަދަ އަޒުމުގައި،"

މިދިޔަ ޖުލައި މަހު ހަމީދު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.