ޕީއެސްޖީ

ބްރެސްޓް އަތުން ޕީއެސްޖީއަށް މޮޅެއް

ލީގު އެކެއްގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ބްރެސްޓް ބައްދަލުކުރި މެޗުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

ބްރެސްޓްގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައި ދިނީ އެންޑްރޭ ހެރޭރާ އެވެ. ހެރޭރާގެ މި ގޯލަކީ މަތިމަތިން އައި ބޯޅަ އަކުން ވޮލީއެއް ޖެހުމުން ގޯލުގެ ކަނާތު ދަނޑީގައި ޖެހިފައި ވަން ލަނޑެކެވެ. އޭގެ ފަހުން ބްރެސްޓުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި މައްޗަށް އެރި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕީއެސްޖީއަށް ލީޑު ފުޅާ ކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި އިދިކޮޅު ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލާފަ އެވެ.

ބްރެސްޓުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މި ގޯލަކީ ފައިގެން ފުންނާބު ކޮޅުން ފެވްރާ ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ފްރާންކް ހޮނަރެޓް ކާމިޔަބު ކުރި ގޯލެކެވެ.

އޭގެ ފަހުން ބްރެސްޓުން ބޮޑުތަނުން ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް ޕީއެސްޖީން ވަނީ އަނެއްކާ ވެސް ދެގޯލަށް ލީޑު ފުޅާކޮށްފަ އެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑަކީ ބްރެސްޓްގެ އޭރިއާގެ މެދުތެރެއިން އިދްރީސާ ގޭ ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ނަމަވެސް ބްރެސްޓުން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ރޫހު ދިރުވާފަ އެވެ. މި ލަނޑަކީ ބްރެސްޓްގެ ސްޓީވް މޯނީ ކާމިޔާބު ކޮށްދިން ގޯލެކެވެ. ޕީއެސްޖީގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން އެންހެލް ޑިމާރިއާ އެވެ.

ޕީއެސްޖީ އާއި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މި މެޗުން ފެނުނީ ވައިނާލްޑްމަން އާއި އަޝްރަފް ހަކީމީ އެވެ. އަލަށް ގުޅުނު ކީޕަރު ޑޮނަރޫމާ އިނީ ބެންޗުގަ އެވެ. މެސީއާއި ރާމޯސް ޓީމުގެ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން ރާމޯސްއަށް ކުރިއަށް އޮތް މަހެއްހާ ދުވަހު ނުކުޅެވޭނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މިމަހުގެ 29 ވަނަ ދުވަހު ރެއިމްސް އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗުގައި މެސީ ފެނިގެންދާނެ އެވެ. މެސީ އަންނަނީ ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.