ލައިފްސްޓައިލް

ނުކުރާ ކުށެއްގައި ސައޫދީ ޖަލެއްގައި 18 މަސް ދުވަހު

އިންޑިޔާގެ ކަރްނާޓަކާގެ އުޅުޕީއަށް ނިސްބަތްވާ މީހަކު ނުކުރާ ކުށެއްގެ ތުހުމަތުގައި 18 މަސް ދުވަހު ސައޫދީ އަރަބިޔާގެ ޖަލެއްގައި ހޭދަކޮށްފި އެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުވެ ދޫކޮށްލުމުން ދާދި ފަހުން އޭނާ ވަނީ އެނބުރި އިންޑިޔާ އަށް އައިސްފަ އެވެ.

ހަރީޝް ބަންގްރާ ނަމަކަށް ކިޔާ މި މީހާ އަކީ ސައޫދީގައި އެއާ ކޮންޑިޝަން ޓެކްނީޝަނެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. އިންޑިޔާގެ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އަށް ތާއީދުކޮށް އޭނާ ފޭސްބުކްގައި ޕޯސްޓެއް ޝެއާ ކުރުމުން އޭނާއަށް ވަޒީފާ ދިން މީހާ ހިތްހަމަ ނުޖެހުމުން އެކަމާ މައާފަށް އެދި އޭނާ ވީޑީއޯ ބަޔާނެއް ފޭސްބުކްގައި ޝެއާ ކުރި އެވެ. އަދި ފަހުން އެ އެކައުންޓް މުޅިން ފޮހެލި އެވެ. މިކަމެއް ހިނގީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ހަރީޝްގެ އެކުވެރިންގެ ތެރޭގައި ހިމެނޭ ސީއޭއޭ އަށް ތާއީދު ނުކުރާ ދެ މީހަކު މި ޕޯސްޓް ޝެއާ ކޮށްގެން ހަރީޝް އާ ނުރުހުންވި އެވެ.

އިންޑިޔާގެ ދަކްޝީނާ ކަންނާޑާ ޑިސްޓްރިކްޓްގެ މި ދެ މީހުން އެއްބައިވެ ހަރީޝްއަށް ލަނޑެއް ދޭން ރާވައި އޭނާގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހުޅުވައި ސައޫދީ ވަލީ އަހުދު އާ ބެހޭ ގޮތުންނާއި މާތްވެގެންވާ މައްކާގެ ހުރުމަތް ކެނޑޭ ކަހަލަ ވާހަކަތަކެއް މި ފޭކް ފޭސްބުކް އައިޑީން ޝެއާ ކުރި އެވެ.

މި ޕޯސްޓް ޝެއާ ކުރިތާ މާ ގިނަ ދުވަހެއް ނުވެ ސައޫދީ ޕޮލިހުން ހަރިޝް ހައްޔަރުކުރި އެވެ. ހަރީޝްގެ އަންހެނުން ސުމާނާ ވަގުތުން އިންޑިޔާގެ ފުލުހުންނަށް މި މައްސަލަ ހުށަހެޅި އެވެ. އަދި ހަރީޝްގެ ނަމުގައި ހުޅުވާފައިވަނީ ފޭކް އެކައުންޓެއް ކަމަށާއި އޭނާގެ ފިރިމީހާއާ ދެކޮޅަށް އަޑި ނޭނގޭ ސިއްރު ރޭވުންތަކެއް ރާވައިގެން ބަޔަކު އޭނާ ބައްދާލީ ކަމަށް ހަރީޝްގެ އަންހެނުން އިންޑިޔާ ފުލުހުންނަށް މައުލޫމާތުދީ ހަރީޝް ސަލާމަތްކޮށްދޭން އެދުނެވެ.

އިންޑިޔާ ފުލުހުން މި މައްސަލަ ތަހުގީގުކުރުމުން މިކަމުގައި ހަރީޝްގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވި އެވެ. އަދި މި މައްސަލައިގައި ކުށްވެރިވާ ދެ މީހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މި މީހުން ފަހުން ވަނީ ހަރީޝްގެ ނަމުގައި ފޭކް އެކައުންޓެއް ހުޅުވިކަމަށް އެއްބަސް ވެސް ވެފަ އެވެ.

މި މައުލޫމާތު އިންޑިޔާ ފުލުހުން ސައޫދީ ފުލުހުންނާ ހިއްސާ ކުރުމުން ސައޫދީ ފުލުހުން ހަރީޝް މިނިވަން ކުރީ އެވެ. ނަމަވެސް އޭނާ ޖަލުގައި ބަހައްޓާފައިހުރީ އޭނާ ކުރި ކުށެއްގެ ސަބަބުން ނޫންކަން ސާބިތުވާން ބަރާބަރު 19 މަސް ދުވަސް ނެގި އެވެ. މި މުއްދަތުގައި ސައޫދީ ޖަލުގައި ހަރީޝް ވަނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށް އޭނާ ބުނެފައި ވެއެވެ.

އިންޑިޔާގެ ފުލުހުންނާއި ބައެއް މިނިސްޓަރުން އަދި ސިޔާސީ އެތައް ބަޔަކު ކުރި މަސައްކަތުން ހަރީޝް ޖަލުން މިނިވަން ވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އަދި އޭނާ ވަނީ މިނިވަން ވުމާއެކު އެނބުރި އިންޑިޔާ އަށް ގޮއްސައެވެ. ބެންގަލޫރޫ އެއާޕޯޓަށް ހަރީޝް ފޭބިއިރު އާއިލާގެ މީހުންނާއި އެކުވެރިން އޭނާއަށް މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސް ތިއްބެވެ.

ހަރީޝްގެ ނަމުގައި ފޭކް އެކައުންޓް ހުޅުވި ދެ މީހުންގެ ޝަރީއަތް މިހާރު ކުރިޔަށް އެބަދެ އެވެ.