އޮމްބަޑްސްޕާސްންސްގެ އޮފީސް

އިންތިގާލީ އިންސާފަށް އޮތް ބޮޑު ގޮންޖެހުމަކީ ކުރީގެ ލިޔެކިޔުންތައް ހޯދުން

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
0%
0%
0%

އިންތިގާލީ އިންސާފަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ލިޔެކިޔުންތަކުން ހެކި ހޯދުން ކަމަށް ޗީފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.

އަވަސްގެ "ފޭސް ޓް ފޭސް" ޕްރޮގްރާމްގައި ސަލާމް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 އާއި ހަމައަށް ހުރި މައްސަލަތަކެއް ބަލާއިރު 60 އަހަރު ކުރީގެ ލިޔެކިޔުންތައް ހޯދަން ވަރަށް އުނދަގޫ ކަމަށެވެ. ދައުލަތުގެ އިދާރާތަކުގައި ކުރީގެ ބައެއް ލިޔެކިޔުންތައް ރައްކާކޮށްފައި ނެތް ކަަމަށެވެ.

ސަލާމް ވިދާޅުވީ މައްސަލަ ހުށަހަޅާ ފަރާތުގެ އަތުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ނެތި ހިނގައިދާނެ ކަމަށާއި ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހާއަށް އަނިޔާ ލިބިފައިވާކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ކުރީގެ ލިޔެކިތުންތަކަށް އެކްސެސް ހޯދަން ގައުމީ ޔުނިވާސިޓީ ފަދަ ތަންތަނާއި އަދިވެސް އެފަދަ ލިޔެކިޔުންތައް ލިބޭނެ މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަލާމް ވިދާޅުވި އެވެ.

"އާންމުކޮށް އަނިޔާ ލިބޭ ފަރާތްތަކުން ކޮންމެވެސް ތަނެއްގަ ހުންނާނެ ޝަކުވާ ހުށަހަޅާފައި. ފަހަރުގައި އެއިން މުއައްސަސާއެއް ވެސް މިހާރު ހުރެދާނެ. އަދި އެ ޝަކުވާ އާއި އޭރުގެ ނިޒާމްތައް ބައްޓަން ކޮށްފައިވާ ގޮތުން އެންމެ މައްޗާ ހިސާބަށް ވެސް ގޮސްފަ ހުރެދާނެ. މިސާލަކަށް އެއިރެއްގެ ރައީސްގެ އަރިހުގައި ނުވަތަ އެއިރެއްގެ ކޯޓުތަކުގެ ގަޒިއްޔާތަކުގައި ވެސް ނޯޓު ކުރެވިފައި ހުރެދާނެ،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން މައްސަލަތަކުގެ ހަގީގަތް ހޯދަން އެ އޮފީހުގެ އިންވެސްޓިގޭޝަން ޓީމުން މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމަކީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްތޯ ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުންތައް ރައްކާކޮށްފައި ހުންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް

މީގެ އިތުރުން ވެސް އަހަރުތަކެއް ކުރީގެ މައްސަލަތަކެއް ބަލާއިރު ހެކިވެރިންގެ ގޮތުގައި ބޭނުން ކުރެވޭނެ މީހުން އަދިވެސް ދުނިޔޭގައި ތިބެދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށްވެސް ސަލާމް ވިދާޅުވި އެވެ. އެހެންކަމުން ދަތިތަކެއް ހުރި ނަމަވެސް، ލިޔެކިޔުންތަކުން ހާމަވާ ހެކީގެ އިތުރުން އެފަރާތްތަކުގެ އެހީގައި ވެސް މައްސަލަތައް ބެލިދާނެ ކަމަށް ސަލާމް ވިދާޅުވި އެވެ.

"އެއްވެސް މައްސަލައަކީ ކުޑަ މައްސަލައެއް ނޫން. އެކަމަކު ބައެއް ފަހަރުތަކަކީ ޑޮކިއުމެންޓްސް ހަމަ ނުވެއްޖިއްޔާ އުނދަގޫވާނެ ގޮތްތަކެއް ނިންމަން،" ސަލާމް ވިދާޅުވި އެވެ.

ސަލާމް ފާހަގަ ކުރެއްވި ގޮތުގައި ފަންނީ ތަޖުރިބާ ހުރި މީހުން އޭނާގެ އޮފީހުގައި މަދުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ. މިހާތަނަށް ލިބުނު މަދު މީހުނަކީ ތަޖުރިބާހުރި ރަނގަޅު މީހުން ކަމަށާއި ގާނޫނުގައި ދީފައިވާ ދެ އަހަރުދުވަހުގެ ތެރޭގައި މައްސަލަތައް ބާރު ސްޕީޑުގައި ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި މައްސަލަތައް ނިންމުމަށް މަސައްކަތްކުރާނެ އެސްއޯޕީތަކެއް މިހާރު ހަދާފައިވާނެ ކަމަށް ސަލާމް ވިދާޅުވި އެވެ. އެހެންކަމުން އޮފީހުން މަސައްކަތް ކުރާނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށާއި އެންމެ ފުރަތަމަ އިސްކަން ދޭނީ އަވަހަށް ނިންމޭނެ މައްސަލަތައް އަވަހަށް ނިންމުމަށެވެ.

"ލިމިޓެޑް ރިސޯސްތަކެއް ހުރިއިރު ކުޑަވަރެއްގެ ޓްރެއިނިންތަކެއް ވެސް އިންވެސްޓިގޭޝަނާ ގުޅިގެން ހިންގާނަން. ހުރިހާ ބޭފުޅުން ވެސް އެމައްސަލައަކާ ގުޅޭ ވީހާވެސް ގިނަ މައުލޫމާތަކާއެކީ މައްސަލަ ހުށަހެޅުމަށް އަޅުގަނޑުމެން އެދެން. ފޮޓޯއެއް ވެސް ނޫނީ ލިޔެކިޔުމެއް ވެސް އޮތިއްޔާ ހުށަހަޅަން ވާނެ. މައްސަލަތައް ބަލާއިރު ވަކި ކެޓެގަރީގެ މައްސަލަތަކެއް ފުރަތަމަ ނިންމާނީއޭ އެގޮތަށް ނިންމާފައެއް ނެތް އަދި މަޝްވަރާއެއް ވެސް ނުކުރަން. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމެން ހުރި މައްސަލަތައް ފުރަތަމަ ނިންމާނީ،" ސަލާމް ވިދާޅުވި އެވެ.

އެ އޮފީހަށް މިހާތަނަށް 180 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އަމިއްލައަށް އިސް ނަގައިގެން މައްސަލަ ބެލުމަށް އިންތިގާލީ އިންސާފުގެ ގާނޫނުން ފުރުސަތު ދޭއިރު އެކަމާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ސަލާމް ވަނީ ވިދާޅުވެފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދޭން އުފެއްދި އޮފީހެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލަދު

ކަލެއަކަށް ރޭކާވެސްނުލާނެ ތި ކުރަންއުޅޭ ކަމެއް. ތިވަރުކަމެއް ކުރަން ހިތަށްވެސް ނާރުވާތި. ވާނެކަމެއް ހަރާން. ފަޟީޙަތްވުން ނޫންކަމެއް ނުވާނެ. ދެފަރާތުންކުރެ އެއްފަރާތް ދުނިޔޭގަ ނެތްމީހުންވެސް އެބަތިބި. މިހާރުމީހުން ވަރަށް މޮޅުވާނެ ހެކިހޯދަންވެސް.

އިންސާފު

ތިކަމަށް އޮތް ހުރަހަކީ ކަލޭމެންގެ އިންސާފު ނެތުން

ނަން

މީ ފޫ ނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް. ބޭކާރު ކަމެއް. އެކަމަކު ނަމުގަ ވަރަށް ރަނގަޅު ކަމެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345