އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދަށް އެނގިވަޑައި ނުގަންނަވާތީ އައްޑޫގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ މައުލޫމާތު މާދަމާ ހާމަ ކުރައްވާނެ ކަމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ އަށް ޕީޕީއެމްގެ ޓީމުން މިހާރު ކުރަމުން ގެންދާ ދަތުރުގައި އައްޑޫގައި ހުންނަވައިގެން މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ސިޓީގައި ކުރިއަށްދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި 60 ޕްރޮޖެކްޓުގެ ހޯދަން ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް އިޝާރާތް ކުރައްވާ މުހައްމަދު ސައީދު ވިދާޅުވީ 40 ބިލިއަން ރުފިޔާގެ ބަޖެޓުގައި އައްޑޫ އަށް ވިދާޅުވި ކަންކަމާއި އިންޑިއާ އިން ނެގި ލޯނު ތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"[އެހެންވެގެން] ރައްޔިތުންގެ އިތުބާރެއް މިސަރުކާރަކަށް ނެތް،" މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.
މުހައްމަދު ސައީދުގެ ޓްވީޓާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު މުހައްމަދު ސައީދަށް އެނގިވަޑައިނުގަންނަވާތީ ކައުންސިލް އިދާރާ އިން މާދަމާގެ ވަގުތެއްގައި އެ ހުރިހާ މައުލޫމާތެއް ރަސްމީކޮށް ހާމަކުރައްވާނެ ކަމަށެވެ.
"ސައީދު އެ ވިދާޅުވާ 60 ޕްރޮޖެކްޓަށް ވުރެ ގިނަ އިން ވެސް އައްޑޫގައި ޕްރޮޖެކްޓްތައް ކުރިއަށް އެބަދޭ. ސައީދު މެންނަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވަނީ ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް އަދި ޕީއެންސީގެ މެންބަރުން ޕީޕީއެމް އަށް ސޮއި ކުރުވިގެން ދާއިރު ވެސް އެނގިވަޑައިނުގަންނަވާތީވޭ،" ސައީދަށް ރައްދުދެއްވަމުން ވިދާޅުވި އެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު މުހައްމަދު ސައީދު ހިމެނޭ ގޮތަށް ޕީޕީއެމްގެ ޓީމާ ހިއްސާކުރައްވަން ބޭނުންވާތީވެ އައްޑޫގައި މިވަގުތު ހަރަކާތްތެރިވާ ޕީޕީއެމްގެ އިސް ޓީމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް މާދަމާ ޒިޔާރާތް ކުރެއްވުމަށް ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. އެބޭފުޅުން ވަޑައިގެންފިނަމަ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ހުރިހާ ޕްރޮޖެކްޓެއްގެ މައުލޫމާތު ތަފްސީލްކޮށް ހިއްސާ ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް ސޯލިހު ވަނީ މިމަހުގެ ކުރީކޮޅު އައްޑޫ ސިޓީގެ ކައުންސިލްގެ މެންބަރުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައި ސަރުކާރުން އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެ ކަމަަށް ވިދާޅުވެފަ އެވެ. އެގޮތުން މަގު ހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަނދަރާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި މި ނޫންވެސް އެ ސިޓީގެ އިގްތިސާދީ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.